ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރީ ސިޔާސީ ހުކުމެއް ކަމަށް ނިންމައި 2023 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހޮވަން އެ ދެ ޕާޓީން ގުޅިގެން ބޭއްވި ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.
ޕީޕީއެމް-ޕީއެންސީ އިން މިރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީންއަށް އިއްޔެ ކުރި ހުކުމާ ގުޅޭ ގޮތުން ވަނީ ގަރާރެއް ހުށަހެޅައިފަ އެވެ. އެ ގަރާރުގައިވާ ބުނެފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމަކީ ސަރުކާރު ހިންގާ އެމްޑީޕީ ކޯލިޝަންގެ ސީދާ ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށާއި އެއީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހުކުމް ބަލައި ނުގަތުމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ އިތުރު ކަންކަން ގަރާރުގައި ހިމަނަން ހުށަހަޅައިފަ އެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހޮވުމަށެވެ. އޭގެ އިތުރުން ބައެއް އެހެން މެންބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން ކޮންމެ ރެއަކު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ހުށަހަޅައިފަ އެވެ.
އެ ހުރިހާ މެންބަރުންގެ ހުށަހެޅުންތައް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 49 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. އަދި 2023 ގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމިފައިވާ ކަމަށް އެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.