ވިޔަފާރި

އާ ކާގޯ ޓާމިނަލް ސަރަހައްދަށް ފެނާއި ކަރަންޓު ހޮޅި އަޅާނެ ބަޔަކު ހޯދަނީ

Nov 30, 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އާ ކާގޯ ޓާމިނަލް ހަދާ ސަރަހައްދަށް ފެނާއި ކަރަންޓު ހޮޅި، އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ ކުންފުނިން ހިންގަމުން ވީއައިއޭގެ ހުޅަނގުފަރާތުގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް އުމްރާނީ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިތަނުގައި ތަރައްގީ ކުރަމުން ގެންދަނީ އާ ކާގޯޓާމިނަލް އެވެ.

ކާގޯ ޓާމިނަލް މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. މި ތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮވެ އެވެ. ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާ މި ތަނުގައި މިހާރުގެ ކާގޯ ޓާމިނަލް އަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަކެއް ވެސް ބަހައްޓާނެ އެވެ.

އެމްއޭސީއެލް އިން ބުނީ އެ ސަރަހައްދުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓާއި ފެންހޮޅި ވަޅުލުން އަދި މި ސްޓޭޝަންތަކުގެ ފައުންޑޭޝަން، ޓްރެންޗިން އާއި ކަރަންޓު ސަބްސްޓޭޝަންގެ މަސައްކަތްތައް އަދި އެފަދަ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. މި މަސައްކަތް ކޮށްދޭން، ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މި މަޝްރޫއުގެ ދަށުން ހަދާ އާ ރަންވޭގެ މަސައްކަތް ވަނީ ނިމި ހުޅުވާފަ އެވެ. މީގެ އިތުރުން އެއާޕޯޓުގައި އާ ޕެސެޖަރު ޓާމިނަލް އާއި ކާގޯ ރައްކާކުރާ ފެސިލިޓީ އަދި ފިއުލް ފާމުގެ މަސައްކަތް ކުރި އަށްދެ އެވެ. މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ގިނަ މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސިޖީ ކުންފުނިންނެވެ.