ހަބަރު

ޔާމީންއާ ބައްދަލު ކުރައްވަން ޖާބިރު އެދިވަޑައިގެންފި

Nov 30, 2019
4

މަނީލޯންޑަރިންގެ މައްސަލާގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރެއްވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދައިރާގެ މެންބަރު އަބްދުﷲ ޖާބިރު ހޯމް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.

ޑީއާރްޕީގެ ފަރާތުން ހޯމް މިނިސްޓްރީއަށް މާދަމާ ފޮނުވުމަށް ލިޔެފައިވާ ސިޓީއެއް އެ ޕާޓީގެ ޓްވިޓާ އެކައުންޓުގައި ވަނީ އާންމުކޮށްފަ އެވެ. އެ ސިޓީގައި ބުނެފައި މި ވަގުތު ޖަލުގައި އޮންނެވި ރައީސް ޔާމީންގެ ހާލު ބެއްލެވުމަށް ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނާ ބައްދަލު ކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެ ފުރުސަތު ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ޑީއާރްޕީ އިން ކުރި ޓްވީޓު

ޖާބިރުއަކީ ކުރިން ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަަމުގައި ހުންނަވަނިކޮށް އެ ދެ ބޭފުޅުން މައްސަލަތަކެއް ޖެހި އޭގެ ފަހުން ޖާބިރު ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ހުންނެވި އެވެ.

މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެމަނިކުފާނު ޖަލުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ޖާބިރު ގޮވާލެއްވި އެވެ.