ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ މެންބަރުންތަކެއް ހައްޔަރުކޮށްފި އެވެ.
ޕީޕީއެމް އަދި ޕީއެންސީގެ އިސް މެންބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭ ވަނީ ޗާންދަނީ މަގު ކައިރިއަށް އެއްވެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސާ ފޮނުވާލައިފަ އެވެ. އެއާއެކު އިދިކޮޅު ފަރާތްތައް މާލޭ މަޖީދީ މަގުގަ އާއި އެހެން ދިމަ ދިމާލަށް ބެހިގެން މުޒާހަރާ ކުރި އެވެ.
މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ޕީޕީއެމް އޮފީސް ދޮރު މައްޗަށް އެއްވެ އެވެ.
މުޒާހަރާގެ ބައިވެރިން ރޫޅާލަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުންް ވަނީ ހައްޔަރުކޮށްފަ އެވެ. ޕީޕީއެމްގެ ފަރާތުން އެކަން ކަށަވަރުކޮށްދިން ނަމަވެސް ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ޕީޕީއެމް-ޕީއެންސީގެ ކައުންސިލުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން މާލޭގައި ކޮންމެ ރެއަކު މުޒާހަރާ ކުރުމަށެވެ. އެ ޕާޓީން ވަނީ އެމަނިކުފާނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބަލައި ނުގަންނަން ނިންމާފަ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހުގައިވާ ގޮތުން ކުރިން އެންގުމަކާ ނުލައި މާލޭގައި މުޒާހަރާއެއް ނުވަަތަ އިހުތިޖާޖެއް ކުރެވޭނީ މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެކަންޏެވެ. ހޯމް މިނިސްޓްރީން އޭރު ވަނީ މުޒާހަރާ ކުރެވޭނެ ހަމައެކަނި ތަނަކީ ކާނިވާ ސަރަހައްދު ކަމަށް ކަނޑައަޅައިފަ އެވެ.
މި އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީން މެދުކެނޑުމެންނެތި މާލޭގައި މުޒާހަރާތައް ކުރަމުން ދިޔަ ދުވަސްވަރެއްގަ އެވެ.