މިއީ ސުޕާރީ ވިއްކާ ފިހާރައަކަށް ވަދެ ތަނުގެ ސޭޓާ ސުވާލުކޮށްލުމުން މިހާރު ލިބޭ ޖަވާބެވެ. އެއީ ތެދެކެވެ. ބަބްލީ ސްވީޓް ސުޕާރީއޭ ކިޔުނު "ފޮނިބޮޑު" ސުޕާރީއެއް މި ރާއްޖެ އައިސް ރަސިލީ ސުޕާރީގެ މަޖާކުރުން ނިމުމަކަށް ގެނެސް "ދިވެހި ސުޕާރީ އެޑިކްޓުން" ގެ އިހުތިރާމާއި ލޯތްބާއި ގަދަރު ހޯދައިފި އެވެ.
ރާއްޖޭގައި ސުޕާރީގެ ތަހުތު މިހާރު ނިސްބަތް ވަނީ މި ބަބްލީ ސުޕާރީއަކަށެވެ. މިއީ ދިވެހިން އެ ސުޕާރީއަކަށް މޮޔަވި ރަސިލީ ސުޕާރީގެ ދުރުތިމާގެ ކަޒިންއެކެވެ. މިވެސް ޕާކިސްތާނުގެ އުފެއްދުމެކެވެ.
ކޮންމެއަކަސް ބަބްލީއެއް ކިޔުނު މި ސުޕާރީއެއްގެ މަގްބޫލުކަމެއް ދިވެހިންގެ ތެރޭގައި ބޮޑުވެގެން ގޮސްފައި އޮތީ މިއާ ބެހޭ ލިޔުމެއް ނުލިޔެ ދޫކޮށްލާ ވަރަކަށް ވެސް ނޫނެވެ. އަދި ރަސިލީގެ އަޅުވެތިކަމަށް ދިވެހިން ވިއްކި ހަނީ ކޯނަރު ވެސް މި ބަބްލީއެއްގެ މަގްބޫލުކަމަށް ހަސަދަވެރިވެ ކަންބޮޑުވާނެކަން ޔަގީނެވެ.
ކޭޑީއެމް އިން ރާއްޖެ ތެރެރެކޮށް ވިއްކަމުން އަންނަ މި ސުޕާރީގެ މަގްބޫލުކަން ބޮޑުވެ ގިނަ ދޭތެރެދޭތެރެއިން މި ސުޕާރީ މާލޭގެ ބައެއް ފިހާރަތަކުން ހުސްވެގެން ސުޕާރީގެ އެޑިކްޓުން އެކަމާ ކަންބޮޑުވެގެން އުޅޭތަން ވެސް ފެނެ އެވެ. އޭގެ "ސުޕާރީ ޕާޓޭއަކާ" އިހަކަށް ދުވަހު އަޅުގަނޑު ވެސް މަގުމަތިން ދިމާވި އެވެ.
ރައްޓެހި ގޮލައެކެވެ. ބަބްލީ ސުޕާރީއެއް ނުލިބިގެން މުޅި މާލޭ ތެރޭގައި ހޫރެނީ އެވެ.
"މި ސުޕާރީއަކަށް ސިކުވީއޭ މޭން،" އޭނާ ބުނީ މިހެންނެވެ.
ފާހަގަކޮށްލަން ޖެހެނީ އޭނާ ފަދައިން ސުޕާރީ ކެއުމަށް އާދަވެފައިވާ ނުވަތަ އެއަށް ދެވިހިފާފައިވާ އެތައް ބަޔަކު އެމީހުންގެ ފެވަރިޓަކަށް މިހާރު ބަބްލީ ހަދައިފި ކަމެވެ.
"މި ސުޕާރީއެއްގެ ރަހަ މާ ބޮޑަށް ވެސް މީރުވެފައި ތަފާތު. އެހެންވީމަ ވަރަށް އަވަހަށް ރަސިލީ ސުޕާރީ ކެއުން ހުއްޓާލާން. ދެން އަޅުގަނޑަށް ބަބްލީ ސުޕާރީ ހޯއްދަވައި ދެއްވި ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ބަބްލީ ސުޕާރީ ދެކެ ފުރަތަމަ ކެއުމުން ލޯބިވެވިގެން ފޭސްބުކްގައި ޒުވާން އަންހެން އީޓިން ބަބްލީއޭ ބުނެ އޭނާގެ ސްޓެޓަސް އަޕްޑޭޓްކޮށްލާފައި ވަނީ މިހެންނެވެ.
އަނެކަކު ބުނެފައި ވަނީ "ބަބްލީ ސުޕާރީއަށް ސިކުވާ" ވާހަކަ އެވެ. އަނެކަކު ބަބްލީ ސުޕާރީއެއް ނުލިބިގެން ރޮއި ހޭރެނީ އެވެ. އަނެކަކު އޭނާގެ ލޯބިވެރިޔާ އަށް ލޯބިން ތައުރީފު އޮއްސަމުން ދިޔައީ ހަދިޔާއަކަށް ބަބްލީ ސުޕާރީ ފޮއްޓެއް ދިނުމުންނެވެ.
އެހެންވީމަ ދިވެހި ސުޕާރީ އެޑިކްޓުންގެ ތެރެއިން ބަބްލީ އަށް ދެވިހިފަމުން އަންނަ މީހުން މި ހާލެއްގަ އެވެ.
ސުޕާރީ ވިކޭވަރުން ބައެއް ފިހާރަތަކަށް ވެސް އުޅެނީ އޮބިނޯވެގެންނެވެ. އަދި ބައެއް ފިހާރަތަކުން މިހާރު ރަސިލީ ގަންނަ މިންވަރު ވެސް މަދުކޮށްލައިފި އެވެ.
"އަޅުގަނޑު ވާނީ މިހާރު އަންގާފައި ރަސިލީ އަށް ވުރެ ގިނައިން ބަބްލީ ސުޕާރީ މި ތަނަށް ގެންނަން. އެއީ ގިނައިން ވިކޭ އެއްޗެއްތާ އަހަރެމެން ވެސް ގިނައިން ބޭނުންވާނީ. ރަސިލީ މިހާރު ހަމަ އެއްގޮތަކަށް ވެސް ނުވިކެއޭ ބުންޏަސް ހަމަ ރަނގަޅުވާނެ އިނގޭތޯ. އެހާ ވެސް ދަށްކޮށް އުޅެނީ،" ފިހާރައެއްގެ ސޭޓަކު ކިޔައިދިނެވެ.
"އެހެނެއް ނޫން. ބަބްލީ ހަމަ ގެންނަ އިރަށް އެބަ ހުސްވޭ. ބުނެވޭނީ ބަބްލީ އައިސް ރަސިލީ ވައްޓާލައިފިޔޭ."
މި ސުޕާރީއެއްގެ މަގްބޫލުކަން ބޮޑުވެގެން އުޅެނީ މާލޭގަ އެކަންޏެއް ވެސް ނޫނެވެ. އާންމުން ދިރިއުޅޭ އެހެން ރަށްތަކާއި ސުޕާރީ އާންމުކޮށް ގަންނަން ނުލިބޭ ރިސޯޓްތަކުގައި ވެސް މިހާރު އެންމެ މަގްބޫލީ ބަބްލީ އެވެ.
"ބަބްލީ އަށް އަހަރެމެން ވެސް ބަދަލުކޮށްލައިފިން. ރަސިލީގެ ޒަމާން ދަނީހެން ހީވަނީ،" ރިސޯޓްގެ ވަޒީފާ އިން ލިބޭ އޮފް ޑޭގައި މާލެ އައިސް އެނބުރި ރިސޯޓަށް ދާއިރު ރިސޯޓްގެ ދިވެހި އެހެން މުވައްޒަފުންނަށް ވިއްކަން ސުޕާރީ ފޮށި ގަވާއިދުން ގަންނަ ޒުވާނަކު ބުންޏެވެ.
ށ. ފޯކައިދޫގެ ވިޔަފާރިޔަކު ވެސް ބުނީ އަޖުމަ ބަލައިލުމަށް ގެންދިޔަ ބަބްލީ ސުޕާރީގެ މަގްބޫލުކަން ރަށުގައި ބޮޑުވެ ރަށުގެ މީހުން މިހާރު އެހެން ސުޕާރީއެއް ނުކާ ކަމަށެވެ.
"މާ ބޮޑަށް ވެސް ޑިމާންޑް ބޮޑީ މީގެ. އަޖުމަ ބަލައިލަން އަޅުގަނޑުމެން ފުރަތަމަ ގެނައީ އެއް ކޭސް. ހުސްވެއްޖެ ވަގުތުން،" އެމީހާ ބުންޏެވެ.
"ރަސިލީގެ ޑީމާންޑް ދަށްވާހެން ވެސް ހީވޭ. ބަބްލީގެ ޑަޒަނެއް އަޅުގަނޑުމެން އަތުން އެބަ ހުސްވޭ ހެނދުނު ފިހާރަ ހުޅުވައިގެން ގޮސް މެންދުރުވާއިރު."
ދިވެހިންގެ ތާރީޚަށް ނިކަން ފުރިހަމަ ގޮތަކަށް އަލިއަޅުވާފައިވާ "ޕިރާޑުގެ ގަލަމުން ދިވެހި ރާއްޖެ" މި ފޮތުގައި ލިޔުންތެރިޔާ ބުނެފައި ވަނީ ދިވެހިންގެ މެދުގައި އޮތް ޝަހުވަތްތެރިކަން އާދަޔާޚިލާފަށް ބޮޑުވުމުގެ ސިއްރަކީ އަހަރެމެންގެ މެދުގައި އޮތް މަޑިސީލަކުރުމުގެ އާދަ ކަމަށެވެ.
ދިވެހިންގެ މެދުގައި ދުފުމުގެ އާދަ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ލޯބީގެ ކަމެއްގެ ގޮތުގަ އެވެ. ނުވަތަ ދެ ޖިންސުގެ ބައިވެރިން އެއްތަންކޮށް އެކުވެރިކޮށްދޭ ކަމެއްގެ ގޮތުގަ އެވެ.
މިހާރު ވެސް އިރުއޮއްސޭގަޑީގައި ބޮޑުތަކުރުފާނު މަގަށް ނުކުމެ، ގާޑިޔަލަކަށް ގާތްކޮށްލައިފި ނަމަ، އަތާއި އަތް ޖޯޑުކޮށްލައިގެން ބިލެތްގަނޑަކަށް އިންސާފުކުރަން ތިބޭ ވަރަށް ގިނަ ލޯބިވެރިން ފެންނާނެ އެވެ. ނުވަތަ ބިލަތްގަނޑެއްގައި "ފަންޑިތައެއް ލިޔެލައިގެން" އަންހެން ކުއްޖަކަށް އެ ބިލަތްގަނޑު ކާންދީގެން ހިތްއަތުލި ދުވަސްތަކެއް ވެސް ދިވެހިންގެ ލައިފްސްޓްއިލްގެ ތެރެއިން ވަނީ ފެނިިގެން ގޮސްފަ އެވެ.
އެހެން ނަމަވެސް ކޮލާޑިއަޅައިގެން ދުފާނެ ވަރަކަށް ދުފުމަށް ފަހު އެ ޖަހާލާ ރަތް ކުޅުގަނޑާއި ބުރުވާލާ ކުނޑިބޮނޑީގެ އަސަރު މާލެ ތެރެއިންނާއި ރަށްރަށުން ފެންނަ ވަރު ފަހަރެއްގައި މިހާރު ކުރިއަށް ވުރެ މަދުވެދާނެ އެވެ. ނަމަވެސް އެއްގޮތަކަށް ވެސް ދުފައިދުފައި ދިވެހިން ވަރުބަލިވީއެއް ނޫނެވެ. އަދި ފޫހިވީކީއެއް ވެސް ނޫނެވެ.
ދިވެހިންނަކީ ހަމަ އަދިވެސް މާހައްޕަޅައިންނެވެ. ދުންބޮއެ، ގަދަ އަށް ދުފާ މީހުންނެވެ. ނަމަވެސް ސުޕާރީއަކާ ޖެހިގެން ގޮސް މި އާދަ މިހާރު މި އޮތީ ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ.
ބިލަތްގަނޑާ އެކު ދުފުމަށް ވުރެ ފަހަރެއްގައި މިއަދު ގިނަ ދިވެހިންގެ މެދުގައި މަޝްހޫރީ ސުޕާރީ އެވެ.
"ސުޕާރީީ އެއީ އަހަރުމެން ކައި ނިމިގެން ނޫނީ ދޭތެރެއަކުން އަނގަ ފުރެޝް ކޮށްލަން ފޮނިބޯލާފަ ހަފާލެވޭ އެއްޗެެއް. މިހެން އުޅޭއިރު ކިޔަވާ ވަގުތުވެސް ސުޕާރީ ކެވޭ. ނިދި އައުމުން ދުރުކޮށްދޭ، ކުޑަކޮށް އެލާޓްވާހެންވެސް ހީވޭ. އެކަމަކުވެސް އެއަށް އަހަރެން އެޑިކްޓެއް ނުވޭ،" ސުޕާރީއާ ބެހޭ ގޮތުން ވާހަކަ ދެއްކީ މީހަކު ބުނެފައި ވަނީ މިހެންނެވެ.
"އަޅުގަނޑު ދެކޭގޮތުގަ ސުޕާރީ ނޫނީ ސިގިރޭޓަށް މީހުން އެވަރަކަށް އެޑިކްޓުުވެގަންނަނީ އަމިއްލައަކަށް. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވެނީއޭ ބުނެވޭނީ. އެނީވޭސް ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަކަަން އިނގެންވާނެ. މަށަަށް ވަރަށް މީރު ރަސްލީ، ސަނީ، މައުންޓަން ޑިއުވެސް. ފާޑެއްގެ މެންގޯ ސުޕާރީއެއްވެސް އެއް އިރަކު ކެއިން. އެކަމަކު ވެސް މި ބަބްލީ ވަރުގެ އެއްޗެއް އަދި ނުކެވޭ."
ސުޕާރީއާ އެކު ދެން ހުރި މީހެއްގެ ހިޔާލު ވަރަށް ވެސް ތަފާތެވެ.
"ހަށިގަނޑަށް ގެއްލުންހުރި ތަކެތި ހައްދު ފަހަނައަޅާދާވަރަށް ކެއުމަކީ ގައިމުވެސް އިސްލާމްދީނުގައި ނަހީކުރާ ކަމެއް. ތަޖުރިބާކާރުންގެ ވާހަކަތަކުން އަދި ގިނަ ބައެއްގެ އަމިއްލަ ތަޖުރިބާ އަށް ބަލާއިރު ސުޕާރީއަކީ ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެއް،" ދީނީ ވިސްނުމަކުން ވާހަކަ ދައްކަމުން މީހަކު ކިޔައިދިނެެވެ.
"ރަލާ މަސްތުވާ އެހެން ތަކެތި ވެސް އިސްލާމްދީނުގައ ހަރާމްކޮށްފައި ވަނީ މުހިންމު ސަބަބުތަކެއް އޭގެ ފަހަތުގައިވާތީ. ސުޕާރީއިން ހަށިގަނޑަށް ލިބޭ ގެއްލުމާ އެކު ވިސްނާލުން ވަރަށް މުހިންމު."
ދެން މި އޮތީ ޒުވާން އަންހެން ކުއްޖެއްގެ ހިޔާލެވެ.
އެހެންވީމަ ބައެއް ދިވެހިންނަށް މިއީ ހަމަ ކޮފީއެއް ނުވަތަ ރެޑްބުލްއެއް ކަހަލަ އެއްޗެއް ނޫން ހެއްޔެވެ؟
"ކޮންމެ އެއްޗެއް ކެޔަސް ހައްދުން ނައްޓާ ވަރަށް ކަންޏާ ގެއްލުން ލިބޭނެ. އަދި ދުވާލަކު ދެތިން ޕެކެޓް ކާލިޔަސް އެއީ މާބޮޑު ކަމެއް ނޫން. ކައިނިމިގެން ދުފާ އެއްޗެއް ބޭނުން ކޮށްލަނީ އަނގައިން ވަސް ކަނޑުވާންވެގެން. މިކަހަލަ އެއްޗެއް ބޭނުން ނުކުރާ މީހުން ވާހަކަ ދައްކާއިރު އަނގައިން ނުބައި ވަސް ދުވާ ކަމަށް ފާހަގަ ކުރެވޭ،" އެހެން މީހެއްގެ ހިޔާލު ހުރި ގޮތަކީ މިއީ އެވެ.
ދުފުމުގެ އާދައެއް އަޅުގަނޑުމެންގެ ތެރޭގައި ހަރުލީ މި ސަރަހައްދުގެ ސަގާފަތަކަށް މިކަންވީ ކަމަށް ވެދާނެ އެވެ. ފޯކާއި ބިލެތާއި ދުންފަތާއި ކަރަންފުލާއި ހުންޏަކީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ މީހުންނަށް ހާއްސަ ހެފުމެކެވެ. މިއީ ވަރަށް ވެސް ދިގު ތާރީޚަކާއި ތަފާތު އަދި އާދަޔާޚިލާފު ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ސަގާފަތެއް ވެސްމެ އެވެ.
ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގައި "ލޯބިވެރިންގެ މެދުގައި ދުފުން" މަޝްހޫރުވެފައިވާ ފަދައިން އެހެން ގައުމުތަކުގައި ވެސް ދުފުން ލޯބިވެރިންގެ މެދުގައި ހާއްސަކަމެވެ. މިސާލަކަށް ވިއެޓްނާމާއި މެލޭޝިއާގައި ދުފުމަކީ ލޯބިވެރިންނާ ގުޅިފައި އޮތް ކަމެކެވެ. ނުވަތަ ގެއަށް އަންނަ މެހްމާނާ އަށް ދިއްކޮށްލާ ފުރަތަމަ ހަދިޔާ އެވެ.
އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި ދުފުމަކީ، ޝާހީ ކަމެކެވެ. އެންމެ ކުރިން އެއީ ރަސްރަސްކަލުންނަށް ހާއްސަވެފައި އޮތް ކަމެކެވެ. ޗައިނާގައި މިއީ ބޭސް ފަރުވާއެކެވެ. ޓައިވާނުގައި އަންހެނުން ދުފަނީ އެމީހުންގެ ރީތިކަން އިތުރަށް ފާޅުކުރުމުގެ ބޭނުމުގަ އެވެ.
މިއަންމާގައި ޓެކްސީ ޑްރައިވަރުން ދުފަނީ، ނުނިދައި ގިނައިރު ތިބުމުގެ ބޭނުމުގަ އެވެ. ދިވެހިން ދުފަނީ، ފޫހިފިލުވާލުމަށް ނުވަތަ މާފޮޅުވުމަށެވެ.
"ސުޕާރީގައި ވަރަށް ވިހަ މާއްދާތައް ހިމެނޭ ކަމަށް ތަޖުރިބާކާރުންނާއި ޑެންޑިސްޓުން ވެސް ބުނޭ. އަދި އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ވަނީ ގަވާއިދުން ގަދަ އަށް ދުފާ މީހުންނަށް. ސްޕާރީ ރާއްޖެ އެތެރެކުރުން މަނާ ކުރަންވީ،" މިއީ ސުޕާރީ އާއި ދުފުމުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން އާންމުންގެ މީހެއްގެ ހިޔާލު ހުރި ގޮތެވެ.
ފަހަރެއްގައި ބައެއް ގައުމުތަކަށް "ދުފާ އެއްޗެހި" އެތެރެނުކުރެވޭ ވަރަށް ހަރުކަށި ގަވާއިދުތައް ހަދާފައިވާ މި ސަބަބާ ހެދި އެވެ.
މިސާލަކަށް ދުބާއީ އަށް ބިލެތާއި ފޯއް އެތެރެކުރުމަކީ މަނާ ކަމެކެވެ. ޕަޕުއާ ނިއު ގިނީގެ ވެރި ރަށުގައި ދުފާ އެއްޗެހި ވިއްކުން މަނަލެވެ. ނަމަވެސް މި ހުންނަނީ އަޅުގަނޑުމެންނަށް އަދަބު ލިބޭ ކަންކަމެއް ނޫނެވެ.
ދުފުމުގެ އާދަ އިން މީހުން ސަލާމަތްކުރުމަށް މި ސަރަހައްދުގެ ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނެތަސް ތަޖުރިބާކާރުންގެ ވާހަކަތަކުގައި ދުފުމަކީ ސިއްހަތަށް ވަރަށް ވެސް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމެކެވެ.
ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގޭ ގޮތުން ދުފުމަކީ އަނގައިގެ ކެންސަރާއި ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ދުފުން މީރުކުރުމަށް ބޭނުންކުރާ ކުދި ދުންފަތާއި ހުނީގެ ގެއްލުން އަދި ވަކިން ބޮޑު ކަމަށް ބުނެވެ އެވެ.