ރައީސް އަބްދުﷲ ޔާމީން

އިސްތިއުނާފާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާކޮށްފި

ޚިޔާނާތުގެ މުގުލުގައި ތިބި މީހުންވެސް ތިބީ ގޭ ބަންދުގައި ކަމަށާ އެހެން ކަމުން ވީހާވެސް އަވަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ގޮވާލައިފި އެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ވަނީ ފުރަތަމަ ފަހަރަށް މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލްވުމާއި ގުޅޭގޮތުން ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނާ މިއަދު ބައްދަލުކޮށް، އިސްތިއުނާފުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ. ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމް އިއްޔެ ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައި ވަނީ ގޯސް ހުކުމެއް ކަމަށާ ވީހާވެސް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ހޯމް މިނިސްޓަރުގެ އަރިހުން އެދި ވަޑައިގަންނަވާނެ ކަމަށެވެ.

“ޚިޔާނާތުގެ މުގުލުގައި ތިބި އަދީބާއި ޒިޔަތު ވެސް އެ ތިބީ ގޭގައި،” ޖަމީލް ވިދާޅުވި އެވެ.