ހަބަރު

13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ވަޅި ހަރައި އެއްލާލި ޒުވާނާ ހައްޔަރު ކޮށްފި

Dec 1, 2019
5

އުމުރުން 13 އަހަރުގެ ކުއްޖަކާ ބަލިވެ އިނދެ، ވިހޭ މައްސަލާގައި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދު ހައްޔަރުކޮށްފި އެވެ. އޭނާއަކީ ލަނޑާ ނަގާ ދޯންޏެއްގައި ހުއްޓާ ވަޅި ހަރައި ކަނޑަށް އެއްލައިލި މީހާ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ދޯންޏެއްގައި ދެ މީހެއްގެ ދެމެދުގައި ހިނގި ދީނީ ޒުވާބެއް ހޫނުވެ، ވަޅި ހަރައި ކަނޑަށް އެއްލައިލި ހައްމާދަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުން ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގާފައިވާ މައްސަލައެއްގައި ކަމަށެވެ.

ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދައްކަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދު ހައްޔަރު ކޮށްފައި ވަނީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

ހަނީފް ވިދާޅުވީ ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން ދަނީ ކުޑަކުދިން ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ މައްސަލައާއި އެ އާއިލާގެ ކުއްޖަކު ވިހާފައިވާ މައްސަލަ ކަަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.

އެގޮތުން އެ ކުދިން ސްކޫލަށް ފޮނުވުމުގެ މަސައްކަތާއި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަނީފް ވިދާޅުވި އެވެ. އޭގެ އިތުރުން އާއިލާއަށް ބޭނުންވާ ސައިކޯ ސޯޯޝަލް ސަޕޯޓު ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

އެ އާއިލާގައި ހިމެނޭ 13 އަހަރުގެ ކުއްޖާއާ ގަދަކަމުން ބަދުއަަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވެ ހައްމާދަކީ މީގެ ކުރިން ތެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އެ އާއިލާގައި އުޅޭ ހަ ކުދިން ބަލަނީ އެ ކުދިންގެ މަންމަ އެކަނި ކަމަށާއި އެ މައްސަލަ ފުލުހުން ކުރިން ވެސް ބަލަމުން ދިޔަ ކަމަށް ހަނީފް ވިދާޅުވި އެވެ.

އޭގެ އިތުރުން 13 އަހަރުގެ ކުއްޖާއަކީ ތިން ފަހަރެއްގެ މަތިން އާއިލާއަށް ފިލައިގެން ގޮސްފައިވާ ކުއްޖެއް ކަމަށް ވެސް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.