ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަން ކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަކި ކުރުމުގެ އިޖުރާއަތް ފެށުމާއެކު އޭނާ ވަނީ މިދިޔަ ބުރާސްފަތި އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެހެންވެ، ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ފުރަތަމަ ދުވަސްވަރު މުހިންމު މަސައްކަތްތަކެއް ކުރެއްވި ހުސެއިން ޝަމީމެވެ. އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވަކާލާތު ކުރައްވާ ޝަމީމް، ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ގެންނަން މީގެކުރިން ވެސް ގިނަ ބަޔަކު ތާއިދުކޮށްފައިވެ އެވެ.
ދެން ކުރިމަތިލައްވާފައިވަނީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި ނިހާޔަތެވެ. ސިވިލް ކޯޓުގެ ކުރީގެ ގާޒީ ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވީ އޮފީސް ތެރޭގައި ހިނގައިދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނިހާޔަތު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އޭނާގެ ނަން އެ ފަހަރު ކުރިއަށް ނުދިޔަ އެވެ.
ޝަމީމާއި ނިހާޔަތުގެ އިތުރުން ދެން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވަރަށް ގިނަ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު ޒަނީނެވެ.
އާ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް ނަގާ ޕްރޮސިކިއުޓާ ޖެނަރަލް ވެގެންދާނީ ރާއްޖޭގެ ހަތަރު ވަނަ ޕްރޮސިކިއުޓާ ޖެނަރަލަށެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލް އަހުމަދު މުއިއްޒެވެ. އޭގެ ފަހުން ގާޒީކަން ކުރެއްވި މުހުތާޒު މުހުސިން މަގާމު ފުރުއްވި އެވެ. ދެން މަގާމަށް ވަޑައިގެންނެވީ ބިޝާމެވެ.
މީގެތެރެއިން ބިޝާމާއި މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ އެވެ. ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަނިކޮށެވެ. މުހުތާޒު މުހުސިންގެ މަގާމު ގެއްލުނީ މަޖިލީހުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާ ގުޅިގެންނެވެ.