ވިޔަފާރި

ގޯއެއާއިން ނިއުދިއްލީއާއެކު އިތުރު ދެ ސިޓީއަކަށް އުދުހެން ފަށައިފި

އިންޑިއާގެ ގޯއެއާ އިން ރާއްޖެ އިން ނިއުދިއްލީއާއެކު އިތުރު ދެ ސިޓީ އަކަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ދަތުރު ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ ސޯލިހު އަދި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު އެވެ. ގޯއެއާއިން މިފަހަރު ރާއްޖެއިން އުދުހެން ފަށާފައިވަނީ ނިއުދިއްލީ އާއި ބެންގަލޫރު އަދި މުންބާއީ އަށެވެ.

ގޯއެއާ އިން ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ މިމަހުގެ އޮގަސްޓް މަހު އެވެ. އިންޑިއާގެ ބޮމްބޭ އިން ވީއައިއޭ އަށް ގޯއެއާ އިން ފެށި މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ320 ގެ މަންތިދާ ބޯޓެވެ. މި ބޯޓުގައި 152 މީހުން އުފުލަ އެވެ.

ގޯއެއާ ރާއްޖެ އަށް ދަތުރު ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ވޮޔޭޖަސް މޯލްޑިވްސްގެ އެޖެންޓު ކަމުގަ އެވެ. މި އެއާލައިން ރާއްޖެއަށް ފެށުމާއެކު ގިނަ އަދަދެއްގެ ޓޫރިސްޓުން ދަނީ އަންނަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އިން މި އަހަރުގެ މިހާތަނަށް 130,617 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 64,224 މީހުންނާ އަޅާ ބަލާއިރު 103 ޕަސެންޓުގެ އިތުރުވުމެކެވެ.