ހަބަރު

24 ގަޑިއިރު ހިދުމަތްދޭ މަރުކަޒުތަކުގައި ދެ ޑޮކްޓަރުން ބައިތިއްބަނީ

ސިއްހީ ހިދުމަތްދޭ މަރުކަޒްތަކުގެ ތެރެއިން 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ދެ ޑޮކްޓަރުން މިއަހަރު ނިމުމުގެ ކުރިން ހަމަޖެއްސުމަށް މަސައްކަތް ކުަރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅޫވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ތ. ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިނުވާތީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެކަމާގުޅޭގޮތުން ސުވާލު ކުރެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައިގަ އެވެ.

ޑޮކްޓަރުން މަދުވުމުގެ މައްސަލައާއި ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު ކަންބޮޑުވުންފާޅު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ 24 ގަޑި އިރު ހިދުމަތްދޭ ސިއްހީ ފަރުވަދޭ ތަންތަނަށް ދެ ޑޮކްޓަރުން ހަމަޖަައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ހަމަޖެހިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން 24 ގަޑިއިރު ހިދުމަތްދޭ ހުރިހާ ސިއްހީ މަރުކަޒްތަކަށް ދެ ޑޮކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ތިމަރަފުށީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލާއި ގުޅިގެން އަމީން ވިދާޅުވީ އެ ހޮސްޕިޓަލުގެ ކުރެހުމާއި ލިޔެ ކިޔުމުގެ މަސައްކަތް ނިމި އަންނަ އަހަރު އަމަލީ މަސައްކަތް ފަށަން މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި މިކަމަށް ހަމަޖައްސާފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި މިއަދަދަކީ ހޮސްޕިޓަލެއް އެޅުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް އަހަރު މިކަމަށ ްއެކަށީގެންވާ ބަޖެޓެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ގާއިމް ކުރެވޭ ބޮޑެތި އިމާރާތަކުން ސިއްހީ ނިޒާމު ވަރުގަދައެއް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ފެންވަރު ރަނގަޅު ހިދުމަތެއް ކިތަންމެ ކުޑަ ތަނެއް ނަމަވެސް ދިނުން މުހިންމު ކަމަށެވެ.

"ބޮޑެތި އިމާރާތަކުން ނޫން ސިއްހީ ފަރުވާ ދެވޭނީ. އަދި އެއީ ސިއްހީ ނިޒާމު ވަރުގަދަވާނެ ކަމެއްވެސް ނޫން. ކިތަންމެ ކުޑަ ތަނެއް ނަމަވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާއެއް ދިނުމަކީ މުހިންމު ކަމެއް. އެހެންވީމަ އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ފެންވަރު ރަނގަޅު ހިދުމަތަކަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދޭން އަމާޒް ހިފާފައި ވަނީ. ކުދި ކުދި ހިދުމްތަތަކުން ބޮޑެތި ހިދުމަތްތަކަށް. އެގޮތުން މާބަނޑު މީހުން އަމިއްލަ ރަށުގައި ތިބެގެން ސްކޭން ކުރެވޭނެ ނިޒާމު ހުރިހާ ރަށަކަށްވެސް ފަހި ކޮށްދޭން އަމާޒު ހިފާފައި ވަނީ." އޭނާ ވިދާޅުވި އެވެ.

ކޮންމެ ސިއްހީ ނިޒާމެއްގެ ހަގީގީ ފޮނި މީރުކަން ލިބޭނީ ވަށާ ޖެހިފައިވާ ފަރުވާއެއް ލިބުން ކަމަށާއި އަންނަ އަހަރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ އާންމު ސިއްހަތަށް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން މިހާރު ހުރި މައިގަނޑު މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމަށް ފަހު، ދެން ހުރި ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.