ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މައާފް ކުރެއްވި ނަމަވެސް 29 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ޖާބިރު މައުމޫންއާ ދެކޮޅަށް ދައުވާ ކުރަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ ވާހަކަތައް ރައީސް މައުމޫން ވަނީ ދޮގު ކުރައްވައިފަ އެވެ.
ޖާބިރު ވަނީ މަންމާފުޅުގެ އެދުމުގެ މަތިން މައުމޫނަށް މައާފް ކުރައްވާ ފުލުހަށް ހުށަހެޅި މައްސަލަވެސް އަނބުރާ ނަންގަވާނެ ކަމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ޖާބިރު ހުށަހެޅުއްވި މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ މައުމޫން މި ފައިސާ އަނބުރާ ނުދެއްކުމުން ކުރަންޖެހުނު އެތައް ވިޔަފާރި އެއް ނުކުރެވޭ ކަމަށާއި އަދި މި ވިޔަފާރިތަކުން ލިބެންޖެހޭ އެއްވެސް ނަފާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިޔާފާރިން ލިބޭ ގެއްލުން ދުވަހުން ދުވަހަކަށް ބޮޑުވެގެންދާ ކަމަށްވެސް ދައުވާގައި ޖާބިރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން ބަދަލުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގައި ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.
ޖާބިރު ވިދާޅުވީ 29 މިލިއަން ރުފިޔާގެ މައްސަލާގައި ލިޔުމަކުން އެއްވެސް އެއްބަސްވުމެއް ނެތް ނަމަވެސް މި މުއާމަލާތް ހިންގި އިރު ހާޒިރުގައި އެތައް ބަޔަކު ތިބި ކަމަށެވެ. އަދި މި މީހުން ހެކިންގެ ގޮތުގައި ތިބުމަކީ މައުމޫން އިންކާރު ކުރެއްވެން އޮތް ކަމެއް ނޫން ކަމަށެވެ. މި މައްސަލާގައި ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަނބަލުން ފާތިމަތު ދިޔާނާ އާއި އެއްބަނޑު ދައްތަ އައިމިނަތު ޝަބީބާގެ ނަމެވެ.