ހަބަރު

މައުމޫނަށް ދައުވާ ކުރީ ޑީއާރްޕީން މީހުން ގެންދާތީ: ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ދައުވާ ކުރީ ޑީއާރްޕީ އިން މައުމޫންގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް މީހުން ގެންދާތީ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވަނީ މައުމޫން މިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި އޭނާ އަތުން އަނބުރާ ދައްކަވާ ގޮތަށް ނަގާފައިވާ 29 މިލިއަން ރުފިޔާގެ ބަދަލުގައި މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވާފަ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މަންމާފުޅުގެ އެދުމުގެ މަތިން 29 މިލިއަން ރުފިޔާގެ މައްސަލާގައި މައުމޫނަށް މައާފް ކުރެއްވި ނަމަވެސް އެކަމުގަ މައުމޫނު މިހާތަނަށް ޝުކުރުވެސް އަދާ ކުރައްވާފައިނުވާ ކަމަށެވެ. އަދި ޑީއާރްޕީގައި ތިބި މެމްބަރުންތައް މައުމޫނު އުފައްދަވާފައިވާ ޕާޓީއަށް ގެންދެވާތީ އެކަމާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އަނބުރާ ދޭގޮތަށް މައުމޫން ނެންގެވި ފައިސާ ދައްކަވާފައިނުވާތީ ވިޔަފާރީގައި ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން އެ ފައިސާއިން ފެށެން އޮތް އެތައް ވިޔަފާރިއެއް ނުފެށި އެ ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބިފައިނުވާކަން ޖާބިރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ގާތު މައުމޫން ވިދާޅުވީ 29 މިލިއަން ރުފިޔާ ނުދެވިއްޖެ ނަމަ ބަދަލުގައި އެމަނިކުފާނުގެ ގެ ކޮޅު ދޭނަމޭ. އެއްބަސްވުމެއް ލިޔުމަކުން ފެންނާކަށްނެތް. އެކަމަކު މި ފައިސާގެ މުއާމަލާތް ހިނގި އިރު ހާޒިރުގަ ތިބޭނެ މީހުން. އެމީހުންގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅިން. މި މައްސަލާގައި އަޅުގަނޑުގެ މަންމާފުޅުގެ އެދުމުގެ މަތިން މައުމޫނަށް މައާފް ކުރިން. އެކަމަކު އެންމެ ކުޑަ މިނުން ޝުކުރެއްވެސް އަދާ ނުކުރޭ. ނުވިތާކަށް އަޅުގަނޑުގެ ޕާޓީގެ މެމްބަރުން ދަމަނީ މައުމޫނުގެ ޕާޓީއަށް. އެހެންވީމަ އެއޮތީ ދައުވާ ކޮށްފަ. މައުމޫނަށް ކީއްކުރެވޭނީ ވަކި." ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާ ނުނަންގަވާ ކަމަށް މައުމޫން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ޖާބިރު ކުރައްވާ ތުހުމަތުތައްވެސް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފަ އެވެ.

ޖާބިރު ވިދާޅުވީ ލިޔެ ކިޔުމުން އެއްބަސްވުމެއް ނެތްނަމަވެސް އަދި މައުމޫނު އަނބުރާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވި ނަމަވެސް ހެކިންގެ ހެކިބަހުން އެކަން ސާބިތުވާނެ ކަމަށެވެ.

މި މައްސަލާގައި ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަނބަލުން ފާތިމަތު ދިޔާނާ އާއި އެއްބަނޑު ދައްތަ އައިމިނަތު ޝަބީބާގެ ނަމެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ، ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ. އެ ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި ފަހުން ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.