ރިޕޯޓް

އެ ދާގޮތަށް ގޮސް ސިފައިންގެއަށް ވަދެވޭތަ؟ ބޮޑުވަރު!

ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މައި މަރުކަޒު، ބަންޑާރަކޮއްޓަކީ ރާއްޖޭގައި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ގައުމީ ސަލާމާތުގެ މައި މަރުކަޒެވެ. އެއަކީ ސަމާސާ ތަނެއް ނޫނެވެ. ބަންޑާރަކޮށްޓަކީ މަސް މާރުކޭޓުހެން އެއްކޮޅުން ވަދެ، އަނެއްކޮޅުން ނުކުމެވޭ ގޮތަށް ދޫކޮށްލާފައިވާ މަރުކަޒެއް ނޫނެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ވެސް ތަމަޅަ ޓައިގަރުން ވެސް ފުރިހަމަ ހަތިޔާރާއެކު ޓާގެޓަކަށް ހެދީ ބަންޑާރަކޮށްޓެވެ. އެކަމަކު އެއީ ގޮއްވާލައި، ފާރުން ބޮޑު ބާގަނޑެއް ހަދައިގެން ވެސް ވަދެ ނުގަނެވުނު ދިވެހި ރައްޔިތުންގެ މިނިވަންކަމާ ގުޅިފައި އޮތް ވަރުގަދަ ތަނެކެވެ. ހަތެއް ފެބުރުއަރީގައި ސިފައިންގެ ތެރެއަށް ބަޔަކަށް ވެދެވުނީ ދޮރުޅު ހުޅުވައި ވައްދައިގެނެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ގިނަ ހަތިޔާރު ރައްކާ ކޮށްފައިވާ އާމަރީ ހުންނާނީ ބަންޑާރަކޮށީގެ ތެރޭގައި ކަމަށް ބަލަމާ ހެއްޔެވެ؟ އަދި ރާއްޖޭގެ ހަޒާނާ ވެސް ހުންނާނީ އެ ހެޑް ކްއާޓަރުގެ ތެރޭގައި ކަމަށް ބަލަމާ ހެއްޔެވެ؟

ދިވެހި ރާއްޖޭގެ ގައުމިއްޔަތުގައި ހިމެނޭ ހުރިހާ ކަމެއްގެ އެންމެ މަތީ މަސްލަހަތާބެހޭ ހުރިހާ ކަމެއް ސަލާމަތް އޮތީ އެ މަރުކަޒުގަ އެވެ. އެތަނަށް ތުރެޓެއް އޮތް ނަމަ ގައުމު އެ އޮތީ އެންމެ ނުރައްކާތެރި ބިރުވެރި ހާލަތެއްގެ ތެރޭގަ އެވެ. އެހެންވެ ބަންޑާރަކޮށީގެ ސަލާމަތީ ކަންކަމަކީ ދިވެހި ސިފައިންގެ އެންމެ ޓޮޕް ޕްރައިއޯރިޓީ އެވެ. އަދި އެއީ ކޮމްޕްރައިވެސް ނުކުރެވޭނެ ކަމެކެވެ.

މިކަން މިހެން އޮތް ނަމަވެސް ރާއްޖޭގެ އުޅޭ ބަންގްލަދޭޝް މީހަކު މިދިޔަ މަހު 18 ވަނަ ދުވަހުގެ ރޯމާ ދުވާލު ވޭނެއްގައި ދުއްވާފައި އެ ދިޔަ ގޮތަށް ގޮސް ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ފޫ އަޅުވާލައި ސިފައިން ގޭގެ އެތެރެއަށް ވައްދާލައިފި އެވެ! އެވަރު ނުވެގެން އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފި އެވެ. މިއީ ކިހިނެއް ވީ ކަމެއް ހެޔެވެ؟ މިކަން ބޮޑު ކަމަކަށް ވެ މި ވާހަކަ ނުދެކެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގެ އެންމެ މަތީ ސަލާމަތީ ފިޔަވަޅުތައް އެހާ ފަސޭހައިން ކޮމްޕްރަމައިޒް ކޮށްލެވުނީ ކިހިނެއް ހެއްޔެވެ؟ ހަމަ ބޭނުން މީހަކަށް ބޭނުން އިރަކު އެދާ ގޮތަށް ގޮސް ސިފައިންގެ މައި މަރުކަޒަށް ވަދެވޭ ގޮތެއް އޮވޭ ހެއްޔެވެ؟ ކުއްލިއަކަށް މިވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިވި އިރު ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ވެރިން ކޮބައި ހެއްޔެވެ؟ ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީގެ އެޖެންޑާގައި މި މައްސަލަ ނެތީ ކީއްވެ ހެއްޔެވެ؟

ހަގީގުގައި ނުރައްކާތެރި މި ހާދިސާ މައްޗަށް އޮތީ ފަސްލާ ފޮރުވާފަ އެވެ. ގައުމީ ވިންދު ހުރި ކޮންމެވެސް ދިމާއަކުން ލީކެއް ވެގެން އެ ވާހަކަ މީޑިއާ އާ ހަމައަށް އައީ އެވެ.

އެހިސާބުން އެމްއެންޑީއެފް އިން ވަނީ މާ ގަޔާ ނުވާ ގޮތަކަށް އެކަމާ ވާހަކަ ދައްކާފަ އެވެ. ކޮށްލިހާވެސް ވަރަކީ "ސީ" އަކުރުގެ ނަމްބަރު ޕްލޭޓެއް ޖަހާފައިވާ ވޭނެއް ބަންޑާރަ ކޮއްޓަށް ވަނެވެ. އެ ވޭން ދުއްވަން އިނީ 32 އަހަރުގެ ބިދޭސީ އެކެވެ. އެކަން މިދަނީ ބަލަމުންނެވެ. އޭގެ ފަހަށް ފުލުހުންވެސް އެއްޗެއް ބުނެލި އެވެ. އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން އެ މީހާ ވަނީ ހައްޔަރު ކުރެވިފަ އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ މީހާ ދުއްވި ވޭން ބަންޑާރަކޮއްޓަށް ވަނީ ސިފްކޯގެ އުޅަނދެއްގެ ފަހަތުން އެއާ އެއްކޮށެވެ. އެހެންވެ ޑިއުޓީގައި ހުރި އޮފިސަރަށް އެއީ ސިފްކޯގެ ވޭނެއް ކަމަށް ބެލެވުނީ އެވެ. އެހެންވެ ފަސޭހަކަމާއެކު ގޭޓުން ކްލިއާ ވެގެން އެ ވޭން ގޮސް ބަންޑާރަކޮށި ތެރޭ ޕާކު ކުރި އެވެ. އޭނާ ވޭނުން ފައިބައި ހިނގައިގަންނަން އުޅުމުން ސިފައިން އެލާޓަށް އައެވެ. އަދި އެ ބިދޭސީ މީހާ ހުއްޓުވާ ސުވާލު ކުރަން ފެށުމުން ރުޅިގަދަވެ، މާރަމާރީ ހިންގީ އެވެ. ދެން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރެއް ވެސް ދިނީ އެވެ.

އެ ބިދޭސީ މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ މީހެކެވެ. ދިވެހި ސިފައިންގެ ނޭނގޭ މީހެއް ނޫނެވެ. ވަދެވެނީ ކޮންތަނަކަށް ނޭނގޭ މީހެއް ނޫނެވެ.

ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. ގައުމެއްގެ ނޭޝަނަލް ސެކިއުރިޓީ ހެޑް ކްއާޓާސް ތެރެއަށް ބިދޭސީއަކު އެކަނި ދިމާކޮށްލަންވީ ކީއްވެ ހެއްޔެވެ؟ އެއީ ބަޔަކު ފޮނުވި މީހެއް ހެއްޔެވެ؟ ހަރުކަށި ފިކުރުގެ ބަޔަކާ ގުޅުން އެބަ އޮތް ހެއްޔެވެ؟ މި ފެނުނީ ބޮޑު ނުރައްކަލެއްގެ ކޮޅުމަތި ހެއްޔެވެ؟

"މި ފެނުނީ ވަރުގަދަ ލޫޕް ހޯލެއް ގައުމުގެ ސެކިއުރިޓީގައި އެޅުނު ބޮޑު ރެނދެއް! ބަންޑާރަކޮއްޓަކީ ރާއްޖޭގެ ޒަމާނުއްސުރެން އެތަނުގައި ފާރަލާ ބަލަހައްޓާ ތަނެއް ފޯރި މަރާތަނެއް. އަޅުގަނޑު ވެސް އެތަނުގެ ޑިއުޓީ ކުރިން. އެކަމަކު މިއަދު ފެންމަތިވި މި ކަންތަކާ ގުޅިގެން ވަރަށް އަޖައިބުވެއްޖެ. ދުވަހަކު މިފަދަ ކަމެއް ހިނގި ކަމެއް އަޑެއް ވެސް ނާހަން،" ސިފައިންގޭގައި އެތައް އަހަރަކު މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރަށް ހައިރާންކަމާއި ކަންބޮޑުވުމާއެކީ ވިދާޅުވި އެވެ.

އަބަދުވެސް ސިފައިންގެ މައި ގޭޓު ކައިރީ އޮންނަ ސެކިއުރިޓީ ޕްރޮޓޮކޯލްތައް ވަރަށް ވަރުގަދަ އެވެ. އުމަރު ވިދާޅުވި ގޮތުގައި ލިޔެފައި އޮންނަ ގޮތަށް އެ އުސޫލުތަކުގައި އަދިވެސް ހިފަހައްޓާނަމަ އެފަދަ ގޮތަކަށް އަތުން ދޫވެގެން އެއްވެސް ބަޔަކަށް ސިފައިންގެއަކަށް ނުވަދެވޭނެ އެވެ.

ބަންޑާރަކޮށީގެ ގޭޓުތައް ހުޅުވާފައި ހުރި ނަމަވެސް އެއް ގޭޓު ނަމަވެސް ބަންދުކޮށްފައި ބަހައްޓައި ކޭޓަރިންއާއި އެހެން ވެސް ސިވިލް މަސައްކަތްތައް ކުރާ އުޅަނދުތަކަށް ދޭން ޖެހޭ ސަމާލު އަބަދުވެސް އެންމަމަތީ މަތީ ދަރަޖައިގައި ބާއްވާ ކަމަށް ވެއެވެ.

"މި ހާދިސާއާ ގުޅިގެން މިހާރު އަމަލު ކުރާ ޕްރޮޓޮކޯލްތައް މުޅިން ބަދަލު ކުރަން ޖެހޭނެ. ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭނެ. މިއީ މުޅި ގައުމުގެ މިނިވަންކަން ފޫއަޅުވާލުން ކަހަލަ ކަމެއް. ފިޔަވަޅު ނާޅާ އެއްގޮތަކަށް ވެސް ތިބެގެން ނުވާނެ. އަދި ފުލުހުންނާއި ސިފައިން އެ ތަހުގީގުތައް ކުރިޔަށް ގެންދާނެ ކަަމަށް ގަބޫލު ކުރަން،" އުމަރު ވިދާޅުވި އެވެ.

ބަންޑާރަކޮށްޓަށް ވަދެވޭނީ ކައިރި ކައިރީ ހުރި އޮޓޮމެޓިކް ގޭޓްތަކަެއް ހުރަސް ކުރުމަށް ފަހު އެވެ. ގޭޓުތައް ހުރުމުގެ ބޭނުމަކީ އެތެރެ ގޭޓު ލައްޕާފައި ބަހައްޓައިގެން ބަންޑާރަކޮށްޓަށް ވަންނަ އުޅަނދުތައް ފާސް ކުރުމަށް ފަހު ގޭޓަކުން ގޭޓަކުން ހުޅުވައި އެތެރެއަށް ވަންނަން ފުރުސަތު ދިނުމެވެ. ސިފައިންގެ އެގްޒެކެޓިވް ލެވަލްގެ ބޭފުޅުން ވެސް އެތަނަށް ވަންނަ އިރު ދަބަސް ބަލާ ފާސްކޮށް ހަދަ އެވެ. އަދި ލައިވް ވަޒަން އެޅި ހަތިޔާރާއެކީ ގޭޓުތައް ކައިރީ ސިފައިން ތިބޭއިރު އެތެރޭގައި ކުއިކް ރެސްޕޮންސް ޓީމެއް ވެސް އޮވެ އެވެ.

މި ހާދިސާގެ ނުރައްކާ އިހުސާސްވަނީ ހަމައެކަނި ގޭޓާ ހަމައިން ފޫއަޅުވާލުމަކުން ވެސް ނޫނެވެ. މިއީ ބޭރުގެ ބޮޑެތި ޓެރަރިސްޓު ޖަމާއަތްތަކަށް ވަގިވެރިވާ ހަރުކަށި ފިކުރުގެ އެތައް ބަޔަކު ރާއްޖޭގައި އުޅެ ނުރައްކާތެރި އަމަލު ހިންގަމުންދާ ވާހަކަ ސިޔާސީ މީހުން ކެނޑިނޭޅި ދައްކާ ގައުމު ބިރުވެރި ފައްތަރެއްގައި އޮތް ދުވަސްވަރެކެވެ. އެ މީހުން ހުއްޓުވަން ވަރުގަދަ ފިޔަވަޅުތައް ސަރުކާރުން އަޅައި ސިޔާސީ ފަރާތްތަކުން އެ މީހުންނަށް ގޮން ޖަހަމުން ދާއިރު އެ ބުނާ މީހުންގެ މޫވްމަންޓަކަށް ސިފައިން ތިބެން ޖެހޭނީ ތައްޔާރީ ހާލަތެއްގައި ނޫން ހެއްޔެވެ؟

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މި ހާދިސާއިން ފެންނަނީ ސަރުކާރު ފެއިލްވެފައި އޮތް ތަނެވެ. އެއީ ސަރުކާރުގެ ވެރިން ގައުމު ހަލަބޮލިކޮށް ޓެރަރިސްޓުންނާ ދެކޮޅު "ހަނގުރާމައެއް" ފަށާފައިވާއިރު ބެކް ފަޔާކޮށްފާނެ ކަމަށް ސަމާލު ނުވެ، އެލާޓަށް ނައިސް ތިބި ތިބުމެވެ.

"ސިޔާސީ ގޮތުން މި ގައުމު ވަރަށް ބޮޑަށް ހަލަބޮލިކޮށްފި. އައިއެސް ކަހަލަ ޖަމާއަތްތަކާއި ހަރުކަށި ވިސްނުމުގެ ވާހަކަތައް ރާއްޖޭގައި އޮތް މައްސަލައަކަށްވީ ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ސަރުކާރުން އެކަންކަން ހާމަ ކުރަމުން އެ ދަނީ އެކަން ހިނގާ މިންވަރަށް ވުރެ ބޮޑުކޮށް. އެ މީހުންގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދާނެ ފަދަ ގޮތަކަށް މި ސަރުކާރުގެ އަމަލުތައް ހުރީ،" އެމްޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހަލަތުގައި ސަލާމަތީ ބާރުތަކުން ވަރަށް ހުޝިޔާރުވެ ތިބެން ޖެހޭނެ އެވެ. އަދި ސިފައިންގެއަކީ އަބަދު ވެސް ވަރަށް ވަރުގަދައަށް ސެކިއުރިޓީ ބަލަހައްޓާ ތަނަކަށް ވާއިރު މިފަހަރު މިހެން ދިމާވާން ޖެހުނު ސަބަބު ހޯދައި ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ.

ގައުމަށް ކުއްލިއަކަށް މިފަދަ ނުރައްކަލެއް ދިމާވިއިރު ރައްޔިތުންގެ މަޖިލީހަށް މިފަހަރު ކުއްލި މައްސަލައެއް ނުވަނެވެ. ކުޑަ މިނުން މެންބަރެއްގެ ބަހުސެއްގައި އެކަމަށް އިޝާރާތެއް ވެސް ނުކޮށްލަ އެވެ. "އިސްވެ ކަންކަން ހާމަ ކުރާ" ސަރުކާރުގެ ވެރިން ވެސް މަޖިލީހަށް މިކަން މުހިންމެއް ނުވި އެވެ.