ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ދެމަފިރިންނަށް ބަލާއިރު ފިރިހެނުންނަށް ވުރެ ބޮޑަށް ވަރިވުމަށް ބާރު އަޅަނީ އަންހެނުން ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
"ހައު ކަޕްލްސް މީޓް އެންޑް ސްޓޭއި ޓުގެދާ" ގެ ނަމުގައި އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާއަކަށް ފަހު ބުނެފައި ވަނީ އެމީހުންގެ ދިރާސާގައި ބައިވެރިކުރި 2،262 މީހުންގެ ތެރެއިން 69 ޕަސެންޓް ވަރި އަކީ އަންހެނުން އެކަމަށް ބާރު އަޅައިގެން ނުވަތަ ބޭނުންވެގެން ކޮށްފައިވާ ވަރި ކަމަށެވެ. ފިރިހެނުންގެ މި ނިސްބަތް އުޅެނީ 31 ޕަސެންޓްގަ އެވެ.
އެމެރިކަން ސޯޝިއޮލޮޖިކަލް އެސޯސިއޭޝަން އިން އާންމުކޮށްފައިވާ މި ދިރާސާގައި އިސްކޮށް އުޅުއްވި ސްޓޭންފޯޑް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްފޮރެސަރެއް ކަމުގައިވާ މައިކަލް ރޯޒެންފީލްޑް ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ދަތުރުގައި ދިމާވާ އަޑިގުޑަންތަކާ ކުރިމަތިލުމުގައި ފިރިހެނުންނަށް ވުރެ އަންހެނުން ނަފްސާނީ ގޮތުން ބަލިކަށިވުމަކީ ފަސޭހައިން ވަރިވުމަށް ނުވަތަ ކައިވެނި ނިންމާލަން އަންހެނުން ބާރު އަޅާ ސަބަބެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި ދިރާސާގެ ތަޖުރިބާކާރުން ބުނެފައި ވަނީ ދިރިއުޅުމުގެ ދަތުރުގައި ނުވަތަ ޒަވާޖީ ހަޔާތުގައި އަންހެން މީހާ އާއި ފިރިހެން މީހާ އަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭ ނަމަ ވަރީގެ މައްސަލަ ކުޑަވާނެ ކަމަށާއި ވަރިވުމަށް އެދޭ އަންހެނުންގެ އަދަދު ވެސް މަދުވާނެ ކަމަށެވެ. އެފަރާތްތަކުން ބުނެފައި ވަނީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ މީހުން ވަރިވުމުގެ މައިގަނޑު އަސްލަކަށް އަންހެނުން ވި ނަމަވެސް ކައިވެނިނުކޮށް އެކުގައި އުޅޭ މީހުން ރުޅިވުމުގެ ޒިންމާ އެޅިގެން ދަނީ އަންހެން މީހާ އާއި ފިރިހެން މީހާގެ ބޮލުގައި ގާތްގަނޑަކަށް އެއްވަރަކަށް ކަމަށެވެ.
ވަރިވުމަށް އެދޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ދިރާސާތަކުން ދެއްކިޔަސް އަދި އެއީ ހަގީގަތް ކަމުގައިވީ ނަމަވެސް އަންހެނުން މި ވާހަކަ ގަބޫލުކުރަން ދެކޮޅުހަދާނެކަން ޔަގީނެވެ. ގިނަ އަންހެނުން ބުނާ ގޮތުން ނަމަ އެމީހުންގެ ކައިވެނި ރޫޅިގެން ދިއުމުގެ އަސްލު ގުޅިފައި ވަނީ ފިރިންނާ އެވެ.
ފިރިން ބޭވަފާތެރިވުމުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ ޒިންމާ ފުރިހަމަ އަށް އަދާނުކުރެވުމުގެ ސަބަބުން އެމީހެއްގެ ގާތުން ވަރިވާން އަންހެން މީހާ ކޯޓަށް ދިއުމުން އެކަމުގައި އަންހެން މީހާ ކުށްވެރިވެގެނެއް ނުވާނެ އެވެ. ދިރާސާ އަށް ފަހު އާންމުކޮށްފައިވާ ރިޕޯޓްގައި ވެސް ބުނެފައި ވަނީ ޒަވާޖީ ހަޔާތުގައި އަންހެން މީހާ އުފުލަން ޖެހޭ ބުރައާ އެއްވަރުގެ ބުރައެއް ފިރިހެން މީހާ ވެސް އުފުލާ ނަމަ ވަރިވުމަށް ބާރު އެޅުމުގެ ފުރުސަތު އަންހެނުންނަށް މިހާރު ލިބޭ ވަރަށް ނުލިބޭނެ ކަމަށެވެ.
ރާއްޖޭގައި ވެސް ވަރީގެ މައްސަލައަކީ ނިކަން ބޮޑު މައްސަލަ އެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އާއިލީ ކޯޓުގައި 200 ކައިވެނި ރަޖިސްޓްރީކުރެވުނުއިރު 121 ކައިވެނި ރޫޅިގެން ގޮސްފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ދުވާލެއްގެ މައްޗަށް 21 ކައިވެނިކުރެވޭއިރު ކޮންމެ ދުވަހަކީ ވެސް ގާތްގަނޑަކަށް 10 ކައިވެނި ރޫޅިގެން ދާ ދުވަހެކެވެ.
ރާއްޖޭގައި 2013 ވަނަ އަހަރު ރޫޅުނު ކައިވެނީގެ އަދަދު 1411 އަށް އަރާއިރު 2012 ވަނަ އަހަރު 1215 ކައިވެނި ރޫޅުނެވެ.
އެހެންވީމަ މި އަދަދުތަކުގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ ހަމައެކަނި އަންހެނުން ހެއްޔެވެ؟