ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި ކޮންގްރެސްއިން ފަށާފައިވާ އިމްޕީޗްމެންޓް ތަހުގީގަށް ޓްރަމްޕު ވަޑައި ނުގަންނަވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ޓްރަމްޕް، އިމްޕީޗްމެންޓު ތަހުގީގަށް ވަޑައި ނުގަންނަވަނީ ހަމަހަމަ ފުރުސަތު ލިބިވަޑައި ނުގަންނަވާތީ ކަމަށް ވެސް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ޓްރަމްޕު ތަމްސީލު ކުރައްވާ ވަކީލުން ވެސް އިމްޕީޗްމެންޓް ތަހުގީގަށް ވަޑައި ނުގަންނަވާ ގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.
ޓްރަމްޕު މަގާމުން އިމްޕީޗް ކުރުމުގެ ދެ ވަނަ މަރުހަލާ ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. މި މަރުހަލާގެ ދެން އޮތް މަސައްކަތަކީ ހައުސް އޮފް ރެޕްރެޒެންޓެޓިސްގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށްދާ ތަހުގީގުގައި ގާނޫނީ ތަޖުރިބާކާރުންނާ ސުވާލު ކުރުމެވެ. އެއީ މައްސަލައާބެހޭ ގޮތުން ޓްރަމްޕުގެ ވަކީލުންނާ ކުރައްވާ ސުވާލެވެ. އެއަށްފަހު އޮންނަނީ ޓްރަމްޕު މަގާމުން ދުރުކުރުމާބެހޭ ގޮތުން ވޯޓަށް އެހުމެވެ.
އިދިކޮޅުން ޓްރަމްޕު މަގާމުން ދުރުކުރުމަށް ކުރައްވާ މަސައްކަތަށް ޓްރަމްޕު ވަނީ ރައްދު ދެއްވާފަ އެވެ. އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދި ވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.