ހަބަރު

އެއާޕޯޓް ޕޮލިސް ޕޯސްޓް ފުލުހާ ހަވާލު ކޮށްފި

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި އެއާޕޯޓު ޕޮލިސް ޕޯސްޓު މިއަދު ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެއާޕޯޓް ޕޮލިސް ޕޯސްޓު، ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއާޕޯޓް ޕޮލިސް ޕޯސްޓު ފުލުހުންނާ ހަވާލުކޮށް ދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސާލިހެވެ. ފުލުހުންގެ ފަރާތުން ޕޯސްޓާ ހަވާލުވެ ވަޑައިގަތީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފެވެ.

ރަސްމިއްޔާތުގައި މަންނާން ވިދާޅުވީ އެއާޕޯޓުގައި ޕޮލިސް ޕޯސްޓެއް ގާއިމް ކުރެވުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މަންނާނު ވަނީ އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރަކުރުމަށް އެމްއޭސީއެލްގެ މުވައްޒިފުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ އެގޮތުގައި ދެމިތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ.