ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނޮމިނޭޓް ކުރުމާއެކު އޭނާގެ މައްސަލަތަކެއް ފެންމަތި ކުރުމުން ސުވާލު އުފެދިއްޖެ އެވެ.
އަމިއްލަ މީހަކު ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ ފަނޑިޔާރު ރައޫފު ގާކޮށިން ފްލެޓެއް ހޯއްދެވި މައްސަލައެކެވެ. އެ ޝަކުވާގައި ބުނެފައިވަނީ އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށްފަހުގައި ކަމަށެވެ.
ނަމަވެސް ހައިކޯޓުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ހައިކޯޓުން ބުނި ގޮތުގައި ފްލެޓާ ގުޅޭ ގޮތުން ފަނޑިޔާރު ރައޫފް އެއްވެސް ސިޔާސީ މީހަކާ ބައްދަލެއް ނުކުރެ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ދައުލަތުގެ އެކިއެކި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ބައްލަވައިގަތުމަށް ދެވުނު ފުރުސަތުގެ ތެރެއިން ފަނޑިޔާރު ރައޫފަށް ވެސް ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް އެ ކޯޓުން ބުނެ އެވެ.
އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ ކުރިންސުރެ ވެސް ފަނޑިޔާރުންނަށް ދެއްވާފައިވާ ފުރުސަތެއް ކަމަށާއި އެގޮތުން، ސިނަމާލެ ފްލެޓް 1، އަދި 2 ގެ އިތުރުން ރެހެންދި ފްލެޓާއި އަދި ގާކޮށިން ވެސް ފަނޑިޔާރުންނަށް ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
ޖުޑިޝަރީއަށް ހާއްސަކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، ފަސް ފްލެޓެއް ދޫކުރުމުގު މަސައްކަތް މިހާރުވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރައްވަމުންދާ ކަމަށް ފަނޑިޔާރު ރައޫފްގެ ދިފާއުގައި ހައިކޯޓުން ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފްލެޓްތައް ސަރުކާރުން ދިންއިރު، ހައިކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންނަށް ވެސް ފްލެޓް ދެއްވާފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ވެސް ފްލެޓް ދެއްވި އެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވެސް ފްލެޓް ދީފައިވެ އެވެ. މި ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލާފައެއް ނުވެ އެވެ.
ވަޒީފާގެ ހައިސިއްޔަތުން ފަނޑިޔާރު ރައޫފަށް ފްލެޓް ލިބިފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހާ ދުވަސްވެފައިވާ ކަމެއް ކުއްލިއަކަށް ސުލޫކީ މައްސަލައަކަށް މިއަދުވުމަކީ ވަރަށް ބޮޑު ސުވާލެކެވެ. ފަނޑިޔާރު ރައޫފްއާއެކު ދެން އެ ފްލެޓް ލިބުނު ފަނޑިޔާރުންގެ މައްސަލަތައް ވެސް ހުރީ އެވެ. މައްސަލައަކަށް އަދިއެއް ނުވެ އެވެ.
ފަނޑިޔާރު ރައޫފާ ގުޅޭ ސުލޫކީ މައްސަލާގައި ބުނެފައިވަނީ ފްލެޓް ފަނޑިޔާރު ހޯއްދެވީ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު ކަމަށެވެ. ނަމަވެސް ހައިކޯޓުގައި އެންމެ ފަނޑިޔާރަކަށް މައްސަލައެއްގައި ގޮތެއް ނުނިންމޭނެ އެވެ. ހައިކޯޓުގެ ކޮންމެ މައްސަލައެއް ވެސް ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމަން ޖެހޭ މައްސަލައެކެވެ.
މި ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާތީ ފަނޑިޔާރު ރައޫފް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުން ވަނީ މަޑުޖައްސާލާފަ އެވެ. މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރު ރައޫފް ބައިވެރިވެފައިވެ އެވެ.