ޓެރަރިޒަމް

ޓެރަރިސްޓެއް ކަމަށް ތުހުމަތުވާ އަމީނަށް ދައުވާ ކުރަނީ

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މުހައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަމީނަކީ ވަރަށް ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވާ އެފަދަ ޖަމާއަތްތަކަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތްގުޅުމެއް ބާއްވާ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ ފުރަތަމަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

އުމުރުން 35 އަހަރުގެ އަމީންގެ ފުލުހުންގެ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އަމީންއަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޓެރަރިސްޓުންގެ ލިސްޓުގައިވެސް އަމީން ހިމެނެއެވެ.