ހަބަރު

ރައީސް އާއިމޯދީ އެކުގައި މަޝްރޫއުތަކެއް ލޯންޗުކުރަނީ

Dec 3, 2019
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މާދަމާ އެކުގައި މަޝްރޫއުތަކެއް ލޯންޗު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މާދަމާ ލޯންޗު ކުރަން ނިންމާފައި ވަނީ އިންޑިއާއިން ރާއްޖޭގައި ފަށާ ހަތަރު މަޝްރޫއުއެކެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ފާސްޓް އިންޓަސެޕްޓާ އުޅަނދުތަކެއް ހަދިޔާ ކުރުމާއި މާލެ ސިޓީގައި ލެޑްލައިޓް ހަރު ކުރުމުގެ މަޝްރޫއަކާއި މަސް ޕްރޮސެސްކުރާ ތިން ޕްލާންޓެއްގެ މަޝްރޫއުގެ އިތުރުން އިންޑިއާގެ ޕޭމަންޓް ކާޑެއް ކަމަށްވާ "ރުޕޭ ކާޑް" ރާއްޖެއަށް ލޯންޗު ކުރުމެވެ.

މި ހަތަރު މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ލައިވްކޮށް މި މަޝްރޫއުތައް ފައްޓަވައި ދެއްވާނީ ރައީސް ސޯލިހާއި މޯދީ އެކުގަ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއެކު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއިން ރާއްޖެއަށް އިސްކަމެއް ދެމުންދާއިރު މޯދީ ވަނީ ދެ ފަހަރެއްގެ މަތިން މި ސަރުކާރުގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އިންޑިއާއިން ވަނީ ހިލޭ އެހީ ވެސް ރާއްޖެއަށް ދީފަ އެވެ.