ސަރުކާރު ހިންގާ ކޯލިޝަންގައި ޑީއާރުޕީ ހިމެނުމާމެދު މައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކުރެއްވިކަމަށާއި، އެކަމަކު އަދި ޖަވާބެއް ނުލިބޭކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ އިންކަމް ޓެކްސް ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީއަކީ މިހާރު ގައުމުގައި އޮތް ހަމައެކަނި އިދިކޮޅު ޕާޓީކަމަށް ކުރިން އިއުލާނުކުރައްވާފައިވާ ޖާބިރު ވިދާޅުވީ ޑީއާރުޕީން ސަރުކާރުގެ ކޯލިޝަނާ ގުޅުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ. ނަމަވެސް އަދި އެކަމާ ނަޝީދު އެއްޗެއް ވިދާޅުނުވާކަމަށް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަހަލަ ބޮޑު ޕާޓީއެއްގެ މީހަކު އަތް ދީކޮށްލީމާ ރައީސް [ނަޝީދު] ނޫނެކޭ ވިދާޅެއްނުވާނެތާ. މައުމޫނާވެސް ކޯލިޝަން ހެދީނުންތޯ. ގާސިމާއެކުވެސް ހެދީ ނޫންތޯ. ކީއްވެތޯ އަޅުގަނޑާ ކޯލިޝަން ނަހަދަންވީ؟ އަޅުގަނޑު ހަޑީތޯ؟ ބައްލަވާ އަޅުގަނޑު ލާފަ ހުރި އެއްޗެހި،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި "ވާނުވާ ނޭނގޭ" ނިޒާމެއްގެ ތެރެއިން އިންކަމް ޓެކްސް ނެގުމާ އޭނާ ދެކޮޅު ކަމަށެވެ. މިހާރުވެސް ރައްޔިތުންގެ އަތުން ގިނަ ޓެކްސްތަކެއް ނެގޭކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފްކުރަން މިއީ މުނާސަބަ ވަގުތެއް ނޫން ކަމަށާއި، ޓެކްސްތައް އިތުރުނުކޮށްވެސް ގައުމު ހިންގޭނެ ކަމަށެވެ.
"ޑީއާރުޕީގެ ވެރިކަމެއްގައި އިންކަމް ޓެކްސެއް ނުނަގާނެ. އެއްވެސް ޓެކްސެއް ނުނަގާ ގައުމު ހިންގޭނެ،" ޓެކްސްތައް ނަގަންޖެހެނީ ވެރިކަން މެނޭޖްކުރަން ނޭނގޭތީ ކަމަށާއި އެކަމަށް ސަރުކާރަށް ކޮންސަލްޓެންސީ ދޭން ތައްޔާރަށް ހުންނެވިކަމަށް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.