ވިޔަފާރި

އެސްޓީއޯއިން އަހަރު ނިންމާލަނީ އަގު ހެޔޮ ސޭލަކާއެކު!

Dec 5, 2019

އެންމެ އަގުހެޔޮކޮށް މުދާ ލިބޭނީ ކޮން ފިހާރައަކުން ހެއްޔެވެ؟ އެއްޗެއް ގަތުމުގެ ކުރިން ބަލަން ޖެހޭ އެއް ކަމަކީ މި އެވެ. މިގޮތަށް ބަލާއިރު އެންމެ ގިނަ ވެރައިޓީ ހުރި އެއް ފިހާރައަކަށް އެސްޓީއޯގެ ފިހާރަތައް ވާނެ އެވެ. ހާއްސަކޮށް ގެއަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި އެސްޓީއޯ ވަރެއް ހަމަނެތެވެ. އެ ކުންފުނިން މިވަނީ ކޮންމެ އަހަރަކު ކުރި އަށް ގެންދާ "އިޔާ އެންޑް ސޭލް" މި އަހަރު ވެސް ފަށާފަ އެވެ. މި އަހަރުވެސް އެސްޓީއޯ އިން އަހަރު ނިންމާލަނީ އަގުހެޔޮ ބޮޑު ސޭލަކާއެކުގަ އެވެ.

"ބައެއް މީހުން ބޭނުންވޭ ޖެހިގެން އަންނަ އަހަރަށް ބައެއް ތަކެތި ބަދަލުކޮށްލަން. އެހެންވެ، މި ސޭލް ފެށީ،" އެސްޓީއޯގެ ތަރުޖަމާނު، އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބެ އެވެ. ސޭލްއާ ދިމާކޮށް އެސްޓީއޯ އިން ދަނީ އެ ކުންފުނިން ވިއްކާ ބްރޭންޑުތަކުގެ އާ ސްޓޮކް ގެންނަމުންނެވެ.

އެ ކުންފުނީގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ޓީވީ އާއި ދޮންނަ މެޝިން ފަދަ ބާވަތްތައް ލިބެން ހުރެ އެވެ. އެސްޓީއޯގައި މިހާރު ވިއްކާ "އޭއޯސީ" ބްރޭންޑުގެ ޓީވީތަކަކީ ފިލިޕްސް ކުންފުނީގެ މޮޅު އުފެއްދުމެކެވެ. މި ބްރޭންޑުގެ ޓީވީގެ 65 އިންޗީގެ ބޮޑެތި ޓީވީ ވެސް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ވެސް ޓެންކޯ ބްރޭންޑާއި ހިޓާޗީ އަދި އެއާ ކޮންޑިޝަން ވެސް ވިއްކަ އެވެ.

މި ހުރިހާ އުފެއްދުންތަކަށް ވުރެ ވެސް ބޮޑަށް މީހުން ޝައުގުވެރިވާ އެއް އުފެއްދުމަކީ، ދޮންނަ މެޝިނެވެ. ދޮންނަ މެޝިންގެ ބްރޭންޑުތަކުގެ ތެރޭގައި ހިޓާޗީ މޮޅު މެޝިންތައް ހިމެނެ އެވެ. މީގެ އިތުރުން އެސްޓީއޯގައި އޮޓަމެޓިކުން ދޮވެ ހިކިގެން ނުކުންނަ ދޮންނަ މެޝިން ވެސް ވިއްކަމުން ގެންދެ އެވެ.