ހަބަރު

އޮންލައިން ވިޔަފާރި ރަޖިސްޓަރީކުރަންޖެހޭ ބިލް ތަސްދީގުކޮށްފި

Dec 4, 2019
6

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިި، ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އިލެކްޓްރޯނިކް ޒަރީއާ އިން ވިޔަފާރިކުރުން ކަމަށް ބަލަނީ އިލެކްޓްރޯނިކް ނުވަތަ މެގްނެޓިކް ނުވަތަ އޮޕްޓިކަލް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުންނެވެ.

އެގޮތުން، މިއަދު އެ އިސްލާހު ތަސްދީގު ކުރުމާއެކު، މިހާރު އޮންލައިން ވިޔަފާރިތައް 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.

އެގޮތަށް އެކުލަވާލެވޭ ދަފުތަރުގައި، ވިޔަފާރިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި އެކަމަށް ހާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިދޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ވިޔަފާރިތަކަށް ނުދެވޭނެ ނަންތަކާއި ނަންތައް ބޭނުން ކުރުމުގެ ހަމަތައް ކަނޑައެޅުމުގެ އުސޫލުތައް ވެސް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.