ހަބަރު

ނައިބު ރައީސް އިންޑިއާއަށް ވަޑައިގެންފި

Dec 4, 2019

ނައިބު ރައީސް ފައިސަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެ ގައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ނައިބުގެ މިދަތުރުފުޅުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެ ގައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް މި ދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާއަށް މިއަދު ވަޑައިގެންނެވިއިރު، މިއަދު އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ބަދަލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސްކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއެކު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއިން ރާއްޖެއަށް އިސްކަމެއް ދެމުންދާއިރު މޯދީ ވަނީ ދެ ފަހަރެއްގެ މަތިން މި ސަރުކާރުގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އިންޑިއާއިން ވަނީ ހިލޭ އެހީ ވެސް ރާއްޖެއަށް ދީފަ އެވެ.