ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި މައްސަލައިގައި، ޓްރަމްޕު މަގާމުން ދުރުކުރުމަށް އިދިކޮޅު ޑިމޮކްރޮޓްއިން ކުރަމުންދާ މަސައްކަތުގައި އެކަށީގެންވާ ހެކި އެބަހުރި ކަމަށް އިންޓެލިޖެންސް ކޮމިޓީގެ ރިޕޯޓުގައި ބުނެފި އެވެ.
އިންޓެލިޖެންސް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ގައުމީ މަސްލަހަތަށްވުރެ ޓްރަމްޕު އަމިއްލަ ސިޔާސީ މަސްލަހަތު އިސް ކުރެއްވިކަން ސާބިތުކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އިމްޕީޗްމެންޓު ތަހުގީގަށް ޓްރަމްޕު ވަޑައިނުގަތީ ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ ކަމަށް ވިޔަސް، ހަގީގަތަކީ ޓްރަމްޕާ ދެކޮޅަށް ހުރި ހެކިތަކަށް ގޮންޖާހަލެވޭ ވަރުގެ ހެކި ޓްރަމްޕުގެ ގާނޫނޫ ޓީމަށް ނުހޯދުމުން ކަމަށެވެ.
މި ރިޕޯޓް މިހާރު ވަނީ އިންޓެލިޖެންސް ކޮމިޓީން ފާސްކޮށްފަ އެވެ. ރިޕޯޓް ފާސްކޮށްފައި ވަނީ އިންޓަލިޖެންސް ކޮމިޓީގެ 13-9 ވޯޓުގެ އަޣުލަބިއްްޔަތުންނެވެ.
ހައުސް އިންޓެލިޖެންސް ރިޕޯޓް މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. ޓްރަމްޕުގެ އިމްޕީޗްމެންޓް ލިޔުން ތައްޔާރުކުރާނީ ޖުޑިޝަރީ ކޮމިޓީންއިންނެވެ. ހައުސްގެ އިންޓަލިޖެންސް ކޮމިޓީގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވާނެ އެވެ. އިމްޕީޗްމަންޓް އޮންނަ ގޮތް އެ ކޮމިޓީގައި، ގާނޫނީ މާހިރުން ސާފުކޮށްދޭނެ އެވެ. ޓްރަމްޕު މަގާމުން ދުރުކުރުމުގައި އިސްކޮށް އުޅުއްވަނީ އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް އެވެ.
ޑިމޮކްރެޓުން މަސައްކަތް ކުރަމުން ދަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އިމްޕީޗްމަންޓް ވޯޓު އަހަރު ނިމުމުގެ ކުރިން ނެގުމަށެވެ. އަދި ހައުސް އިން ފާސްވެއްޖެ ނަމަ ސެނެޓުގެ ތަހުގީގު ޖެނުއަރީ މަހު ކުރީކޮޅު ފެށުމަށެވެ.
އެމެރިކާގެ ހައުސްގެ 431 މެންބަރުންގެ ތެރެއިން 233 މެންބަރުންނަކީ ޑިމޮކްރެޓުންނެވެ. އެހެންވެ ރިޕަބްލިކަންގެ ސަޕޯޓް ނެތިވެސް ޓްރަމްޕް އިމްޕީޗްކުރަން ފާސްކުރެވިދާނެ އެވެ. ސެނެޓުގައި ތިބީ ރިޕަބްލިކަން 53 މެންބަރުންނާއި 45 ޑިމޮކްރެޓްސް މެންބަރުން އަދި އިންޑިޕެންޑެންޓް ދެ މެންބަރުންނެވެ. އެ ދެ މެންބަރުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.
ސެނެޓުން މައްސަލަ ބަލާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުންނެވެ. ޕްރޮސެކިއުޓަރުންނަކީ ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ޓީމެކެވެ. ރައީސް އަށް ވެސް ދިފާއީ ވަކީލުންގެ ޓީމެއް އޮންނާނެ އެވެ. ޖޫރީންގެ ގޮތުގައި ތިބޭނީ ސެނެޓަރުންނެވެ. ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި ވޯޓުން ނިންމައިފި ނަމަ މަގާމުން ވަކިވާން ޖެހޭނެ އެވެ.
އިދިކޮޅުން ޓްރަމްޕު މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތަށް ޓްރަމްޕު ވަނީ ރައްދު ދެއްވާފަ އެވެ. އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދި ވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.