ހަބަރު

37.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު ފާސްކޮށްފި

Dec 5, 2019
11

އަންނަ އަހަރަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮސް ފިނޭންސް މިނިސްޓްރީން ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުން އެކުލަވާލި ކޮމިޓީން ވަނީ އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓު ފާސް ކުރުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 77 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ބަޖެޓު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަދި ބައެއް އޮފީސްތަކުގެ ބަޖެޓަށް ވެސް ބައެއް ފައިސާ އިތުރު ކޮށްފައިވެ އެވެ. އެހެންވެ ރިކަރެންޓް ހަރަދު ވެސް އިތުރުވާނެ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދަށް ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ޓީބިލް ވިއްކައިގެންނެވެ. އެހެންކަމުން 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ.

ބަޖެޓަށް އިތުރު ކުރި އަދަދާއެކު، ބަޖެޓް ޑެފިސިޓް ވަނީ 5.9 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. ބަޖެޓް ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ވަނީ ނިންމައިފަ އެވެ. އިތުރަށް ބޭނުންވާ ފައިސާ ހޯދަން ނިންމާފައި ވަނީ ވެސް ޓީބިލް ވިއްކައިގެންނެވެ.