ހަބަރު

ގާސިމްގެ މަރާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ހުޅުމާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަރުގެ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށެވެ. އެކަމުގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 59 އަހަރުގެ ގާސިމް ހަސަން ނަމަކަށް ކިޔާ ޓެކްސީ ޑްރައިވަރެކެވެ. އޭނާއަށް ހަމަލާދިނުމުން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން އެ ސަރަހައްދަށް ގޮސް އެމްބިއުލާންސްގަ އެވެ. ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ 9:51 ހާއިރު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ގާސިމްގެ މަރާއި ގުޅިގެން ފުލުހުން ވަނީ ހަމަލާދިން މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ހިއްސާ ކުރުމަށް އެދިފައެވެ.

މަރުވި މީހާއަށް ހަމަލާދީފައިވަނީ ގުރޫޕަކުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި މާރާމާރީ ހިނގަން ދިމާވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.