އދ.ގެ ސެކިއުރެޓީ ކައުންސިލްގެ އެންގުމާ ހިލާފަށް އިރާނުން ބެލިސްޓިކް ނިއުކިލިއާ މިސައިލް ތައްޔާރުކުރާތީ ޔޫރަޕްގެ ތިން ގައުމަކުން އިރާނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ. އިންޒާރު ދިން ތިން ގައުމަކީ ފްރާންސް، ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތެވެ. މީގެ ތެރެއިން އިނގިރޭސިވިލާތަކީ އިރާނާ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ގައުމެކެވެ.
މިތިން ގައުމު ރަމްޒު ކޮށްދޭ އެމްބެސެޑަރު މިހާރު ވަނީ އިރާނުން ނިއުކިލިއާ މިސައިލް އުފައްދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އދ.ގެ ސެކިއުރެޓީ ކައުންސިލަށް ސިޓީ އެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އިރާނުގެ ސަރުކާރުން ބެލިސްޓިކް ނިއުކިލިއާ މިސައިލް އުފައްދަމުން ދަނީ 2015 ވަނަ އަހަރު ހެދި ނިއުކިލިއާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އިރާނަށް އިތުރު ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދޭ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޔޫރަޕްގެ އެ ތިން ގައުމުން ވަނީ އިރާނުގެ އިގްތިސޯދަށް އަދި މުދާ އެތެރެކުރަން ހުޅުވާލާފައިވާ ޔޫރަޕުގެ ކަނޑުގެ މަގުތައް އިރާނަށް ބަންދުކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވެސް އިރާނުގެ އިގްތިސޯދު ހަލާކުވެ ކާބޯތަކެތި އަދި ބޭސް ލިބުމަށް ވަނީ ދަތިވެފަ އެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިރާނަށް ޔޫރަޕްގެ ކަނޑުގެ ސަރަހައްދުން ތެޔޮ އެކްސްޕޯޓް ކުރުން މަނަލެވެ.
އިރާނުން އަލަށް ނިއުކިލިއާ މިސައިލް އުފައްދާ ކަމަށް ޔޫރަޕުން ތުހުމަތު މިކުރީ، ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ގެއްލުމުގެ ބަދަލު ދޭނަމަ ނިއުކުލިއާ އުފެއްދުން ހުއްޓާލާނެ ކަމަށް އިރާނުން ބުނެފައިވަނިކޮށެވެ. ޔޫރަޕްގެ ތުހުމަތާ ގުޅިގެން އިރާނުގެ ސަރުކާރުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޔޫރަޕުން ތުހުމަތުކުރާ ގޮތުގައި އިރާނުން އުފައްދާ ބެލިސްޓިކް ނިއުކިލިއާ މިސައިލަށް ދީފައިވާ ނަމަކީ ޝަބާބް ތިނެކެވެ. އިރާނުން ވަނީ މީގެ ކުރިން ވެސް މި ސީރިސްގެ ނިއުކިލިއާ މިސައިލްތަކެއް އުފައްދާ ގައުމުތަކަށް ބިރު ދައްކަން މަސައްކަތްކޮށްފަ އެވެ.