ހަބަރު

ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައިިފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާސިމަށް ހަމަލާދީ މަރާލި މީހުން ހޯދާ، ލާއިންސާނީ އެ އަމަލު ހިންގި މީހުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ހުކުމް ގާއިމްކޮށްދިނުމަށް ސަރުކާރާ ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.

މި މަރާއި ގުޅޭގޮތުން މިހާތަނަށް ފުލުހުން މާގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ވަނީ ގާސިމްގެ މަރާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށްވެސް އެދިފައެވެ.

ގާސިމްގެ މަރާ ގުޅިގެން ފުލުހުން ވަނީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ވަރަށް ބާރަށް ތަހުގީގު ކުރިއަށްދާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ގާސިމްގެ ބައެއް ރަހްމަތެރިން ބުނީ އޭނާއަށް އެފަދަ އަނިޔާއެއް ދޭންޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. އިއްޔެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ. އެކަމާ ގުޅޭގޮތުންވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ގާސިމްގެ މައްޗަށް ކަށުނަމާދު ކުރުމަށް ފަހު ވަޅުލާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހާރަގައެވެ.