މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް ދާން ތައްޔާރު ވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް ދަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި އެ ގައުމުގައި ތިބި ބައެއް ދިވެހިންނާއި ސުވާލުކުރުމަށެވެ. އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެ އެވެ.

ފުލުހުންގެ ޓީމާއި މަރު ކޮމިޝަންގެ ބައެއް މެބްބަރުން މެލާޝިޔާއަށް ފުރަނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް އެނގިފައި އެވެ.

މަރު ކޮމިޝަން އެކުލަވާލީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންވި ފުރަތަމަ ދައުރުގަ އެވެ. އެ ކޮމިޝަންގެ ޒިންމާއަކީ 2012 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރުގެ މަގުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުވެ.

މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލަ އާއި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި، އެ މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ކޮމިޝަނަށް ޒިންމާ އަދާނުކުރެވި މައްސަލަތައް ނުބެލޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.