ރައީސް އަބްދުﷲ ޔާމީން

ޔާމީން އެދިވަޑައިގަންނަވަނީ ބޭއިންސާފާ ދެކޮޅު މަސައްކަތުގައި ސާބިތުވުމަށް

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަންނަވަނީ އެމަނިކުފާނާ ދެކޮޅަށް ހިންގުނު ބޭއިންސާފު ޝަރީއަތާއި ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ދެމި ތިއްބެވުމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މިއަދު މާފުށީ ޖަލުގައި ރައީސް ޔާމީނާއި ބައްދަލްކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލްގެ ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތަކީ ބޭއިންސާފު ޝަރީއަތެއް ކަމަށާ އެމަނިކުފާން، ސަޕޯޓަރުންގެ ކިބައިން އެދެނީ ބޭއިންސާފު ޝަރީއަތާއި ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ދެމި ތިއްބެވުމަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގާ ޖަލަށްލާފައިވަނީ އެމަނިކުފާނުގެ އަޑު ކަނޑުވާލުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ދިވެހި ގައުމާއި، ދީން ދެކެ ލޯބިނުވާ ހާއިނުންނާއި މެދު ސަމާލުވެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރުމުގައި ސާބިތުވެތިބުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ." ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ.

އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ. ދަށު ކޯޓްގެ އެ ހުކުމް މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އެއްވުންތަކާއި، މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް ގެންދަވަނީ ޖަލްސާތަކުގައި އިހުތިޖާޖު ކުރައްވަމުންނެވެ.