މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުދިންތަކަކާ ބެހިގެން ކައުންސިލަރަކު ހައްޔަރުކޮށްފި

ލ އަތޮޅުގެ ރަށެއްގެ ކައުންސިލަރަކު ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާއާއި ގުޅޭ ހަތަރު މައްސަލައެއް ބަލަމުންދާއިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ބުނެ ހުށައަޅާފައިވާ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލާގައި ދައުވާ ކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ނެތުމުގެ ސަބަބުން ފައިލްކޮށްފައިވާ ކަމަށެވެ.

"އަނެއް ތިން މައްސަލަގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ވަނީ ފޮނުވާފައި. އެއީ މިހާރު ކޯޓްގައި ޝަރީއަތް ފެށިގެން ކުރިއަށްދާ މައްސަލައަކާއި، އިތުރު އެހެން މައްސަލައެއް. އަދި ތިންވަނަ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ކޯޓްގައި މިހާރު ހިނގަމުންދާ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރުމުން މިއަދުގެ ޝަރީއަތަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަަށައް ގެނެސްފައިވާ ކަމަށެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ ކައުންސިލަރެއް ކަމަށް އެނގިފައިވެއެވެ.