ފައިސަލް ނަސީމް

ކޮންމެ ގައުމެއްގައި އުޅުނަސް ތަފާތެއް ނުކުރާނަން: ފައިސަލް

Dec 6, 2019
2

ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ ދިވެހިންނަކީ ބޭރު ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ގައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއް ކަމަަށާއި ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ގައުމެއްގެ ގާނޫނުތަކާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަ ކަމަށާއި އެގޮތުން ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ހައްލު ކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މި ސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ހައްލުކޮށްދިނުމުގައި ކަމަށާއި އެގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިން ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ދަރިންނަށް ތައުލީމު ދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާސިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.