އިމްރާން އަބްދުﷲ

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ތުރުކީން އެހީވަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ތުރުކީގެ މިނިސްޓަރު އޮފް އިންޓީރިއާ، ސުލޭމާން ސޮއިލޫއާ ބައްދަލުކުރައްވައިފި އެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ހޯމް މިނިސްޓަރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލްވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ތުރުކީ ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޚާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދެއްވައެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެމަސައްކަތުގެ ދަށުން ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް މިނިސްޓަރު އިމްރާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައެވެ.

ޖަލު އޮފިސަރުން ތަމްރީނުކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް މިހާތަނަށް ވަނީ ކުރިއަށް ގެންދަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.