ހަބަރު

"ޝާހިދު ދެއްކެވީ ޗައިނާގެ ގުޅުން އާ އުސްމިންތަކަށް ގެންދާ ވާހަކަ"

Dec 6, 2019
2

ޗައިނާއިން ނަގާފައިވާ ދަރަނިތައް "ރީސްޓްރަކްޗާ" ކުރަން ނިންމާފައިވާ ކަމަށް އެސޯސިއޭޓަޑް ޕްރެސް (އޭޕީ) ޝާއިއު ކުރި ހަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ޝާހިދާ ހަވާލާދީ އޭޕީ އިން މިއަދު ބުނެފައި ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ދަތިތަކެއް ހުރި ކަމަށާއި އެހެންކަމުން ދަރަނި ރީސްޓްރަކްޗާކޮށް ހައްލު ހޯދަން އެ ގައުމާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަން ދޮގު ކުރައްވައި ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކުރާ ކަމަކަށް މިނިސްޓަރު ވިދާޅު ނުވާ ކަމަށާއި ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ހަމައެއް ނެތި ދަރަނި ނަގާފައިވާ ވާހަކަ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި މަޝްވަރާކޮށްގެން ކުރެވޭ ވަރަށް ރާއްޖެއާއި ޗައިނާގެ ގުޅުން ވަރުގަދަ ކަމަށާއި މި ވެރިކަމުގައި ޗައިނާއާއެކު އޮތް ގުޅުން އާ އުސްމިންތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓް

އެކަމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭޕީގެ "ފޭކް ނިއުސް"ގެ މައްސަލާގައި އޭނާ މިނިސްޓަރު ޝާހިދުއާ ވާހަކަދައްކަވާފައިވާ ކަމަށާއި އެކަން މިނިސްޓަރު ވެސް ދޮގު ކުރައްވާފައިވާ ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް ވެފައިވާ ދީލަތި އެހީތައް މި ސަރުކާރުން ބަލައިގަންނަ ކަމަށާއި ޗައިނާ އިން ހިންގާ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓް" މަޝްރޫގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި ކަމަށް ސަފީރު ވިދާޅުވި އެވެ.