އިދިކޮޅު ފަރާތްތައް

އިހުތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް އޮފީސް ކުރިމަތީ މިރޭ ކުރިއަށްދާ އިހްތިޖާޖުގައި ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން އިހްތިޖާޖު ފަށާފައިވަނީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްފަހު އެވެ. ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ ޖަލްސާ ނިންމާލުމަށްފަހު ޖަލްސާގެ ބައެއް ބައިވެރިން ވަނީ ހިނގާފައި ޕީޕީއެމް އޮފީސް ދޮށައް އެއްވެފައެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ދަނީ ގޮވާލަމުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ.

އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ. ދަށު ކޯޓްގެ އެ ހުކުމް މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އެއްވުންތަކާއި، މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް ގެންދަވަނީ ޖަލްސާތަކުގައި އިހުތިޖާޖު ކުރައްވަމުންނެވެ.