އަހުމަދު ޝިޔާމް

ޖެނުއަރީ ހައެއްގެ ކުރިން ޔާމީން ގެއަށް ބަދަލުކުރާނަން: ޝިޔާމް

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިން ގޭ ބަންދަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ "އަނިޔާވެރި ހުކުމާއި ދެކޮޅަށް" މިނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ކިތަންމެ ބިރެއް ދެއްކިނަމަވެސް ރައީސް ޔާމީންގެ ހައްގުގައި ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމަށާ އިއްވީ ސިޔާސީ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔެވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށާ ވަރަށް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމަށްފަހު ރައީސް ސޯލިހަށް އެ މަންޒަރު ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، ގިނަވެގެން ޖެނުއަރީ ހައެއްގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. އިރާދަ ކުރެއްވިއްޔާ ޖެނުއަރީ ހައެއްގެ ކުރިން އަޅުގަނޑުމެން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. ތިބޭފުޅުން ކުރިއަށް އޮތް، މިއަދުން ފެށިގެން އެއްމަސްދުވަހު އަޅުގަނޑުމެންނާއެކު، އަޅުގަނޑުމެންގެ ހަރަކާތްތަކުގައި، ދުވާލު ގޮވާލިނަމަވެސް، ރޭގަނޑު ގޮވާލިނަމަވެސް، ދަންވަރު ގޮވާލިނަމަވެސް އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކާނަން ރައީސް ޔާމީން މިނިވަންކޮށްފައި." މެންބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިރޭވެސް ވިދާޅުވީ ރައީސް ޔާމީނާމެދު ކަންކުރަމުންދާ ގޮތް މުޅި ދުނިޔެ ބަލަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލުމަށްފަހު އެމަނިކުފާނަށް އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެ އެކަންކަން ކުރަމުންދާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯޓްތަކަށް މިހާތަނަށް ދުވަހަކުވެސް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަނީ ރައީސް އޮފީހުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. އެކަން ކުރަނީ ކޮން ބައެއްކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ބޭއިންސާފުން ކުރާ ހުކުމްތަކަށްފަހު އެކަންކަން ފަރުޖައްސާލައިގެން ތިބުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ފަނޑިޔާރުގެތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ދަނީ ސީދާ ރައީސް އޮފީހުންކަން އަޅުގަނޑުމެންނަށް އެނގޭ. ސީދާ ރައީސް އޮފީހުންކަން އެނގޭ އެ ފޯންކޯލްތައް ދަނީ. އެހެންވީމަ ހީފުޅުނުކުރައްވާތީ، ބޭއިންސާފުން ނާއިންސާފުން މިއަދު ތިބޭފުޅުން [ފަނޑިޔާރުން] ބަޔަކު ބޭނުންވާގޮތަކަށް ކަންތައްތައް ކުރަމުންދާދިއުން ފަރުޖައްސާލައިގެން ތިބޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިންސާފު އަރާ ހަމަކުރާނެ." ޝިޔާމް ވިދާޅުވިއެވެ.