ރިޕޯޓް

ގާސިމްގެ މަރާއެކު ޑްރައިވަރުން ބިރުވެރިކަމެއްގެ ތެރޭގައި

ބުދަ ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއެކު ޑްރައިވަރުންގެ ހިތްތަކުގައި ވަނީ ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިފަ އެވެ. ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ ޑްރައިވަރުން ކަންބޮޑުވުންފާޅުކުރެ އެވެ.

ގާސިމް އަށް ހަމަލާދިނީ އޭނާގެ ޓެކްސީއަށް އެރި ބަޔަކު ކަމަށް ތުހުމަތު ކުރެވޭއިރު މިހާދިސާ ހިނގިތާ 48 ގަޑި އިރަށް ވުރެ ގިނައިރު ވެފައިވާއިރު އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. މިއީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. މިއީ ހުރިހާ ޓެކްސީ ޑްރައިވަރުންނަށް އޮތް ބިރެއް ކަމަށް އެމީހުން ދެކެ އެވެ.

"އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތަކީ މިއީ. އަޅުގަނޑަށް ހަމަ ޔަގީން މިކަން އަޅުގަނޑުމެން ނުކުރާ ނަމަ ގައުމު ހުއްޓުމަކަށް އަންނާނެ. އެންމެ މަތީ ފަންތިން ފެށިގެން އެންމެ ދަށް ފަންތީގެ މީހުންވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޑްރައިވަރުންގެ އެހީތެރިކަން އެބަ ބޭނުންވޭ. އެހެންވީމަ އާންމު ދިރިއުޅުމުގަ އަޅުގަނޑުމެން މިހާ މުހިންމު ބަޔަކަށްވީއިރު ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެއްވެސް ރައްކާތެރި ކަމެއް އަމިއްލަ ގައުމުގަ ނެތީ؟" އަވަސް އާއި ވާހަކަދެއްކި އެއް ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ޓެކްސީ ޑްރައިވަރުންގެ އެހީތެރިކަން ކޮންމެ ވަގުތެއްގައިވެސް ޖެހިދާނެ އެވެ. އެކި ގަޑިތަކަށް ބަހާލައިގެން ޓެކްސީ ކުރަމުންދާ ފަރާތްތަކުން ބުނީ އެމީހުންގެ އާއިލާ މެމްބަރެއް ކަމަށްވާ ގާސިމް އަނިޔާވެރިކޮށް މަރާލުމުން ދަންވަރު ޓެކްސީ އަށް އަރާ ދަތުރުކުރަން ޖެހިލުންވާ ކަމަށެވެ.

"އަސްލު ޓެކްސީ ޑްރައިވަރުންގެ އާޢިލާގެ އެއް މެމްބަރު ގާސިމް މަރާލީމަ އަޅުގަނޑު ވަރަށް ބިރުގަނޭ، ޖެހިލުންވެސް ވޭ ދަންވަރު ޓެކްސީ އަށް އަރާފަ ދަތުރުތައް ނަގަން. އަޅުގަނދުމެންނަކަށް ނޭނގޭނެ ދެއްތޯ ޓެކްސީ އަށް މިއަރަނީ ކޮންކަހަލަ މީހުން ކަމެއް. އަދި އެމީހުން އަތުގަ ތޫނު އެއްޗެއް ނޯންނާނެ ކަމެއްވެސް. ހަމަ ދުއްވަ ދުއްވާ ހުންނައިރު ފަހަތުން ހަމަލާވެސް ދީފާނެ. ގާސިމްގެ މަރަށް ފަހު ގިނަ ޓެކްސީ ޑްރައިވަރުން ދަންވަރު ޑިއުޓީއަށް އަރަން ޖެހިލުންވޭ. ހާއްސަކޮށް މާލެއިން ހުޅުމާލެ އަށް ދާން. މިހެންވީމަ އަޅުގަނޑުމެންނަކަށް ނޭނގޭނެ ކިތަންމެ ބޭނުންޖެހިފަ ހުރި މީޙަކުވެސް ވަކި ކުރަން. ނަފްސާނީ ބިރުވެރި ކަމެއްގެތެރޭގަ މިއުޅެނީ މިހާރު." ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ޓެކްސީ ހިދުމަތް ދެމުން އަންނަ ޓެކްސީ ސެންޓަރަކުން ވާހަކަ ދެއްކީ މީހަކު ބުނީ މާލެ ސަރަހައްދުގައި ޓެކްސީ ޑްރައިވަރަކަށް އުޅެނީ އެންމެ އަންހެނެއް ކަމަށާއި އޭނާ އާއި އޭނާ ދުއްވަން ގެންގުޅޭ ޓެކްސީއަށް އެތައް ފަހަރަކު ހަމަލާދީ ގެއްލުންދީފައި ވީނަމަވެސް މިހާތަނަށް އޭނާގެ ރައްކާތެރިކަމަށް ކުރެވުނު ކަމެއްވެސް ނެތް ކަމަށެވެ. މިފަދަ އެތައް ކަމެއް ފާހަގަ ކުރެވި ތަކުރާރުކޮށް މުއައްސަސާތަކަށް ޝަކުވާ ހުށަހެޅި ނަމަވެސް ޑްރައިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން ގާސިމް އަށް ދިން ހަމަލާ އަކީ ޓެކްސީ ދުއްވާ ހުރިހާ އެންމެނަށް ދިން ހަމަލާއެއް ކަމަށާއި މިއީ މުއައްސަސާތަކުން ވިސްނައި ޓެކްސީ ޑްރައިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް އަވަސްވެގަންނަންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.

ދާދިފަހުން ނޫސްތަކުން ފެނިގެންދިޔައީ އިންޑޮނޭޝިއާ ނިސްބަތްވާ އުމުރުން 42 އަހަރުގެ އަންހެން ޓެކްސީ ޑްރައިވަރެއް އޭނާގެ ރައްކާތެރިކަމަށް ކާރުގެ ޑްރައިވަރު ސީޓް ވަށައިގެން ދަގަނޑު ދާ ޖެހި ވާހަކަ އެވެ. އަންހެން މީހާ ބުނީ ޓެކްސީ އަށް އަރާ މީހުން ޑްރައިވަރުންނަށް ބިރުދައްކައި ފޭރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ދަގަނޑު ދާ ޖެހީ އެކަމަށް ހައްލެއް ހޯދައި އަމިއްލަ ފުރާނަ އެފަދަ މީހުންގެ ކިބައިން ސަލާމަތް ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބައެއް ޓެކްސީ ޑްރައިވަރުންނަށްވެސް މިގޮތް ވަރަށް ކަމުދެ އެވެ. އެމީހުން ބުނީ ރާއްޖޭގައިވެސް މިފަދަ ގޮތެއް ތައާރަފްކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި ގާސިމް ފަދައިން އެހެން ޑްރައިވަރެއް މަރާނުލަނީސް ޑްރައިވަރުން ކުރުން ރަނގަޅު ކަމެއް ކަމަށެވެ.

ގާސިމް އަށް ހަމަލާދީ އަނިޔާވެރިކޮށް އޭނާ މަރާލާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުގަ އެވެ. ޒަހަމްތަކަކާއެކު އޭނާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ. ގާސިމްގެ މަރާ ގުޅިގެން މިހާތަނަށް މީޙަކު ހައްޔަރު ކޮށްފައިނުވާއިރު އެމަގު ބަންދުކޮށް އެ ސަރހައްދުގައިހުރި ސީސީޓީވީ ކެމެރާތަށް އެނެލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ވަރަށް ބާރަށް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.