އަންހެނުން

ބުރަކޮށް އުޅޭއިރު ރީތިވާން ވަގުތު ލިބޭ ނަމަ

Aug 24, 2015

ހެނދުނު އޮފީހަށް ދާގޮތަށް އެކި މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން އެކަމުގެ ވަރުބަލިކަން ނުވަތަ އަސަރު އެންމެބޮޑަށް ފާޅުވާން ހުންނަނީ މޫނުމަތިންނެވެ.

ކިތަންމެ ނަލަހެދިގެން އޮފީހަށް ދިޔަކަމުގައި ވިޔަސް ގިނައިރުތަކެއް ނުވެ މޫނުމަތީގެ ތާޒާކަން ގެއްލޭކަން ފާހަގަކުރެވެނީ ތީގެ ތެރެއިން ކިތައް އަންހެނުންނަށް ހެއްޔެވެ؟

ހެނދުނު މޫނުގައި ދޮޅު ފޫޓަށް އުނގުޅައިގެންދާ ފައުންޑޭޝަނާއި އައިލައިނާ އަދި ވަކިން ހާއްސަކޮށް ލިޕްސްޓިކް މާ އަވަހަށް ފޮހެވިގެންދާ ކަން ފާހަކުރެވޭ ހެއްޔެވެ؟ މީގެއިތުރުން ވަގުތު ނެތިގެން ބޭނުންވާ ގޮތަށް ރީތި ނުވެވި ހުންނަން ހެއްޔެވެ؟

ރޭގަނޑު ހަމަ ނިދި ނުލިބުމުގެ ސަބަބުން ލޯކައިރި ކަޅުވެ، ފުއްޕާފައި ހުންނަ ނަމަ މޫނުމަތިން އެއްވެސް ތާޒާކަމެއް ފެންނާކަށް ނުހުންނާނެ އެވެ. މިއީ އަހަރެމެންގެ ތެރެއިން ގިނަ އަންހެނުންނަށް ދިމާވާ ކަަމަކަށް ވާއިރު، ގިނަ މީހުން ކޮންސީލާ އުނގުޅަނީ ލޯލުގެ ތިރީގައި އެއްކޮޅުން އަނެއް ކޮޅަށެވެ. ނަމަވެސް މިއީ ކަޅުވެފައި ހުންނަތަން ފޮރުވަން ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެންމެރަނގަޅު ގޮތަކީ ލޮލުގެ ދެކޮޅުން ފެށިގެން ތިރިއަށް ތިނެސްކަން ޝޭޕަކަށް ކޮންސީލާ ހޭކުމަށްފަހު އުނގުޅާލުމެވެ. އެއަށްފަހު އެމީހެއްގެ ހަންގަނޑާއި ގުޅޭ ރީނދޫކުލައަކަށް ދާ  ފުށެއް ކޮންސީލާގެ މަތިން ހާކާލާށެވެ. މޫނުމަތި ކުރިއަށް ވުރެން އުޖާލާ ކަން ފާހަގަވެގެންދާނެ އެވެ. 

މާބޮޑު މޭކަޕެއް ނުކޮށް ތުންފަތުގައި ޖައްސާ ލިޕްސްޓިކުން އެކަނިވެސް މޫނުމަތިން ރީތިކަމަށް ދައްކާނެ އެވެ. އޮފީހަށް އައުމުގެ ކުރިން ތުންފަތުގައި ޖައްސާ ލިޕްސްޓިކް ގިނައިރުވާ ވަރަކަށް ފަނޑުވެ ފޮހެވިގެންދެ އެވެ. އޮފީހުގައި ބިޒީކޮށް އުޅެމުން އިރުއިރުކޮޅާ ތުންފަތުގައި ހެނދުނު ޖެއްސި ލިޕްސްޓިކް ކޮޅެއް ހުރިތޯ ބަލާކަށް ވަގުތެއް ނުވާނެ އެވެ. އެހެންކަމުން ލިޕްސްޓިކް ގިނައިރު ބެހެއްޓުމަށް އެންމެފުރަތަމަ ލިޕްސްޓިކްގެ ފަށަލައެއް ތުންފަތުގައި އުނގުޅާށެވެ. ދެން ޓިޝޫއެއްގައި ޓްރާންސްލުކެންޓް ޕައުޑާކޮޅެއް ބުރުވާލުމަށްފަހު، ޓިޝޫ ދެތުންފަތުގެ ދޭތެރޭގައި ލާފައި މަޑުމަޑުން ފިތާލާށެވެ. މިހެން ހެދުމުން ގިނައިރު ވަންދެން ލިޕްސްޓިކް ތުންފަތުގައި ހުންނާނެ އެވެ.

ސެލެބްރިޓީން ހެދުން އަޅާގޮތަށް ހެދުން އަޅައި، އެމީހުން މޭކަޕްކުރާ ގޮތަށް މޭކަޕްކުރަން އަހަރެމެންގެ ތެރެއިން ގިނަ އަންހެން ކުދިން މަސައްކަތްކުރެ އެވެ. އެމީހުންގޮތަށް ފަހުގެ ފެޝަނާއި އެއްގޮތަށް ބޮލުގެ އިސްތަށިގަނޑު ކޮށައި ކުލަ ޖެއްސުމުގެ އިތުރަށް އެމީހުން ލޮލުގެ މޭކަޕްކުރާގޮތް އިންޓަނެޓުން ބަލައިގެން އެގޮތަށްކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެންކަމުން ފެވަރިޓް ސެލެބްރިޓީން ގޮތަށް ލޮލުގައި ސްމޯކީ އައިޝެޑޯ ޖައްސަން ބޭނުންނަމަ، ލޮލުގެ ކޮޅުގައި "ސްލޭންޓެޑް ހޭޝްޓެގް" އެއް އައިލާނާ ފަންސުރުން ކުރަހާށެވެ. ދެން އައިޝެޑޯ ޖައްސަން ގެންގުޅޭ ފިހިކޮޅުން ރަނގަޅަށް ލޮލުގެ މަތީގައި އުނގުޅައި އައިލައިނާ ބްލްންޑްކޮށްލާށެވެ. ބޭނުންނަމަ ރީތި ފިނިޝިން އަކަށް ސިލްވާ ނުވަތަ ބްލެކް އައިޝެޑޯއެއް ވެސް ބްލެންޑްކުރި އައިލައިނާގެ މަތިން އުނގުޅާލެވިދާނެ އެވެ.

ލޮލުގެ މަތީގައި އައިލައިނާ އެޅުމަކީ ގިނަ އަންހެންވެރިންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ބައެއް އަންހެނުންނަށް ނުވަތަ އަންހެންކުދިންނަށް ލޮލުގެ މަތީގައި ފަންސުރަކުން ރީތިކޮށް ލައިނެއް ދަމާލުމަކީ އެއްވެސް ކަމެއް ނޫނެވެ. ނަމަވެސް މީގެތެރެއިންވެސް ވިންގް އައިލައިނާ އަޅަން މިމީހުންނަށްވެސް އުނދަގޫވެ އެވެ. މިއީ ތިޔަ ހީކުރާހާ އުނދަގޫ އަދި ގިނަ ވަގުތު ބޭނުންވާ ކަމެއް ނޫނެވެ. ސެލޯ ޓޭޕްކޮޅެއް ލޮލުގެ ކޮޅުން ފެށިގެން ބުމައާއި ދިމާއަށް ދާގޮތަށް ތަތްކޮށްލާށެވެ. ދެން ލޮލުގެ ބޮނޑީގެ އެތެރެއިން ފެށިގެން ލޮލުގެ ކޮޅަށް ދާގޮތަށް ފަންސުރުން ނުވަތަ ލިކުއިޑް އައިލައިނާ ފުޅިން ވިޔަސް ހިމަ ލައިނެއް ކުރަހާށެވެ. އެއަށްފަހު ލޮލުގެ ކޮޅަށް ދަމާލާފައިވާ ރޮނގު ކަރުނަ ވަޅާއި ދިމާލަށް ވުރެން ކުޑަކޮށް ފަލަ ކޮށްލާށެވެ. މިގޮތަށް ލޮލުގެ މަތީގައި އަނދުން އެޅުމުން ލޮލުގެ ޝޭޕް ބޮޑަށް ފާޅުވެ، ރީތިކަމަށް ދައްކާނެ އެވެ.

އަނދުން އަޅާ މީހުންގެ ތެރެއިން ކަޅުކުލަ ފިޔަވައި އެހެން ކުލަތައް  އާންމުގޮތެއްގައި މީހުން ބޭނުންކުރަނީ ޕާޓީއެއް ނުވަތަ ހާއްސަ ރަސްމިއްޔާތަކަށް ރީތިވާއިރު އެވެ. ނަމަވެސް ކަޅުކުލައިގެ އިތުރުން ހުދު ކުލައިގެ އައިލައިނާ އަކީ ކުޑަ ލޯ ހުންނަ މީހުން ނުވަތަ ވީހާވެސް ބޮޑަކަށް ލޯ ބޮޑުކަމަށް ދައްކަން ބޭނުންވާ މީހުން ބޭނުންކުރަން އެންމެ ރަނގަޅު ކުލަ އެވެ. ހުދު ކުލައިގެ އައިލާ ލޮލުގައި އަޅާއިރު، ތިރީ ފަށަލައިގައި ފުޅާކޮށް އަޅައި ލޮލުގެ ބޭރުގައި އެޅުމަށްވުރެން ރަނގަޅު ވާނީ ލޮލުގެ ރަވައިގައި އެޅުމެވެ.