ރައްޔިތުންގެ މަޖިލިސް

92 ޕަސެންޓްގެ ހާރިޒީއަކާއެކު މަޖިލިސް މެންބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި 33 ޖަލްސާއެއް ބާއްވައި އޭގެ ތެރެއިން 92 ޕަސެންޓަށް މެންބަރުން ޖަލްސާތަކަށް ވަޑައިގެންނެވި ހާޒިރިއަކާއެކު ތިންވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ބޭއްވި 33 ޖަލްސާއަށްފަހު، މެންބަރުން ވަޑައިގެންފައިވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.

ނިމުނު ދައުރުގެ ތަފާސް ހިސާބުތައް އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ 33 ޖަލްސަގައި 128 ގަޑިއިރާއި 37 މިނެޓް ހޭދަކުރެވުނު، މެންބަރުން 92 ޕަސެންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 395 ކޮމިޓީ ބައްދަލުވުމެއް ބާއްވައި 441 ގަޑިއިރު ވަނީ ހޭދަކޮށްފަ އެވެ. އެ ވަގުތުގެ ތެރޭގައި މަޖިލީހުގެ 53 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ދައުރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުރީ ދައުރުން ލިބުނު 16 ބިލަކާއި ފަހު ދައުރު ހުށަހެޅި 23 ބިލުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. އޭގެ ތެރެއިން 11 ބިލެއްގެ މަސައްކަތް ނިންމިއިރު، ނުނިމި 28 ބިލެއް އެބަ އޮތެވެ.

ފަހު ދައުރުގައި މަސައްކަތް ކުރި ގަރާރުތަކަށް ބަލާއިރު ކުރީ ދައުރުން ލިބުނު 12 ގަރާރަކާއި ފަހު ދައުރު ހުށަހެޅި ފަސް ގަރާރުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. އޭގެ ތެރެއިން މަސައްކަތް ނުނިމި އޮތީ 15 ގަރާރެކެވެ.

ސަރުކާރުން ފޮނުވި މައްސަަލަތަކުގެ ތެރެއިން ކުރީ ދައުރުން ދެ މައްސަލައެއް ލިބުނުއިރު، ފަހު ދައުރުގައި 16 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއްގެ މަސައްކަތް މަޖިލީހުން ނިންމި އެވެ.

ރިޔާސަތުން ހުށަހެޅި މައްސަަތަކަށް ބަލާއިރު ކުރީ ދައުރުން ހަ މައްސަލައެއް ލިބުނުއިރު މި ދައުރުގައި 17 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ނުނިމި އޮތީ ހަ މައްސަލައެކެވެ.

މިނިސްޓަރުންނާ ކުރުމަށް 24 ސުވާލެއް ހުށަހެޅިއިރު، އޭގެ ތެރެއިން 12 ސުވާލެއް މިނިސްޓަރުންނާ ވަނީ ކުރެވިފަ އެވެ. އަދި ނުކުރެވި އޮތް 12 ސުވާލެއް ވެސް އެބަ އޮތެވެ.