މޯލްޑިވްސް ޕޮލިސް ސާވިސް

ގާސިމްގެ މަރަށް ތިން ދުވަސް: މީހަކު ހައްޔަރެއް ނުކުރޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ ގާސިމްގެ މަރާއި ގުޅިގެން ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ގާސިމްގެ މަރާއި ގުޅިގެން ސީސީޓީވީ ފްޓޭޖްތައް ނަގާ އެނަލައިޒް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގާސިމްގެ ބައެއް ރަހްމަތެރިން ބުނީ އޭނާއަށް އެފަދަ އަނިޔާއެއް ދޭންޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ. އެކަމާ ގުޅޭގޮތުންވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.