ހަބަރު

ކުޅުދުއްފުށީ ބޮޑު ދެ މަގުގައި ގަސް އިންދައި، ފެހިކުރަނީ

Dec 7, 2019

ހދ. ކުޅުދުއްފުށީގެ މަލަމަތި ފެންނަ މަގު ކަމަށްވާ ބަންޑާރަ މަގާއި މައި މަގު ކަމަށްވާ އަމީނީ މަގު ފެހިކުރުމަށް ގަސް އިނދުމުގެ ހަރަކާތެއް އެ ރަށު ކައުންސިލުން އިސްނަގައިގެން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތަކީ ރަށްތައް ފެހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެފައިވާ ވައުދެއް ކަމުގައިވާ 'ރަށްފެހި' ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ހަރަކާތެކެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ ގަސް އިނދުމުގެ ހަރަކާތުގައި ކުޅުދުއްފުށީގެ ހުރިހާ މުއައްސަސާތަކުން ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި ކުޅުދުއްފުށީގެ އެންމެ ބޮޑު ދެމަގު ކަމުގައިވާ އަމީނީމަގާއި ބަންޑާރަ މަގުގައި 100ގަސް ވަނީ އިންދާފައެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ މަގުސަދަކީ ކުޅުދުއްފުށީގައި އަލަށް ތަރައްގީ ކޮށްފައިވާ މަގުތަކުގެ ހަނަފަސްކަން ކަނޑުވައި މަގުތައް ޒީނަތްތެރި ކުރުމެވެ. ގަސްތަކުން ލިބޭ ސިއްހީ އަދި ތިމާވެށިގެ ފައިދާތައް ރައްޔިތުންނަށް ލިއްބައިދިނުންވެސް މި ހަރަކާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މަގުތަކުން އަރައި ހިރަފުސް ކޮންޓްރޯލް ކުރުމާއި، ރަށުތެރެ ފިނި ކޮށްދިނުމާއި، ހޫނުގަދަވުމުގެ ސަބަބުން މަގުތައް ބޭނުން ކުރަން އުނދަގޫވާފަރާތްތަކަށް ފަސޭހަކޮށްދިނުމަކީވެސް މިހަރަކާތުގެ މަގުސަދެއް ކަމަށް ކައުންސިލުން ބުނެ އެވެ.

ގަހާއި ހިޔާނެތުމުގެ ސަބަބުން ދުއްވާ އެއްޗެއްހީގައި އުޅެން ޖެހުމަކީ ހެލިފެލިވެ އުޅުމަށް ހުރަސްއެޅޭ ކަމެކެވެ. މިގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮތުމުގެ ސަބަބުން ރާއްޖޭގައި ގައިންގަޔަށް ނާރައި ބަލިތައް އަދި ދިރިއުޅުމުގެ ނެދެވޭ އަދަކާދަތަކާއި ގުޅިފައިވާ ބަލިތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މަގުތަކުގައި ހިޔާލިބޭ ގަސްއިންދުމަކީ މިފަދަ އެތައް މައްސަލަތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ސިއްހީ ފައިދާތަކުގެ އިތުރުން ގަސްތަކުން އިޖްތިމާއި އަދި އިގްތިސޯދީ ފައިދާތައްވެސް ލިއްބައިދެއެވެ. ހޫނުގަދަ ވުމުގެ ސަބަބުން ފިނިކުރުމަށް ކުރަންޖެހޭ ހަރަދުކުޑަ ކުރުމަކީވެސް ގަސްއިންދުމުގެ ތެރެއިން ހޯދިދާނެ ފައިދާއެކެވެ. މިއަދު އިންދިގެން ދިޔަގަސްތައް ބެލެހެއްޓުމުގައި ހުރިހާ ރައްޔިތުންގެވެސް ފަރުދީ ޒިންމާ އަދާކޮށް އެގަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މިފަދަ ފައިދާތަކަށް ވާސިލްވުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.