ރާއްޖެ ލާމަރުކަޒު ކުރެވޭނީ މާލީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ހުރި، ގެސްޓްހައުސްތައް އިންޕެކްޓްކުރުމުގެ ތަމްރީންތައް 152 ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޭން ނިންމާފައި ކަމަށެވެ. ޢެގޮތުން ރާއްޖޭގެ ދުރު ސަރަހައްދުތަކުގައި ގެސްޓް ހައުސް އެޅުމަށްފަހު، އެތަން އިންސްޕެކްޓް ކުރުމަށް ތަނުގެ ވެރި ފަރާތުގެ އަތުން ބޮޑު ހަރަދެއްދާ ކަމަށާއި އެހެންކަމުން މިފަދަ ބާރުތައް ކައުންސިލަށް ދިނުމުން އެ ހަރަދު ކުޑަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީން އިންސްޕެކްޝަން ރިޕޯޓުތައް ބަލައިގަނެ، ހުއްދަ ދިނުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި މިކަން ކުރިނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށް ރައީސްގެ އިސް ނެގުމަށް ފެށި އޮޑިޓް އިޔާލީކޮށް ކުރި އަށް ދާނެ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުރީގެ މަޖިލިސް ރައީސް މުހައްމދު ޝިހާބެވެ. މި ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެ އެވެ.
ސަރުކާރުން އިސް ނަގައިގެން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެ އެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ބިލްގައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދޭން ވަނީ ހިމަނައިފަ އެވެ.