ހަބަރު

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރުދީފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް “ނައުޓީ މެޓޮކްސް”އަށް މަރުގެ އިންޒާރުދީ ބިރުދައްކައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 6 ޑިސެންބަރު 2019 ވީ ހޮނިހިރު ވިލޭރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވަނީ ޓްވިޓާ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް ޢިޝާރާތްކޮށް ކަމަށާއި، އެ މައްސަލަ އޭނާވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ހިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ގަރުނުގެ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ހިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި އަމަލުކޮށް އުޅުނު ގޮތް ކަމަށެވެ. އަދި އެކަމަކީ ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާއީ ކުށެއް ކަމަށެވެ.

މީގެ އިތުރުން، އެބާވަތުގެ ހަރުކަށި އަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން ފާހަގަ ކުރާ ކަމަށާއި، އެ އަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި، ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ އަމަލު ކުށްވެރިކޮށް، އެމްޑީޕީން އިތުރަށް ބުނީ، ދެބަސްވުމާއި، ހިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ހިކްމަތް ކުރިއަށްނެރި، މަޝްވަރާއާއި، ނަސޭހަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށްނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.