ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދާއެކު 15 މެންބަރުންގެ ވަފުދު އިންޑިއާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މަޖިލީހުގެ 15 މެންބަރުންގެ ވަދުފު އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އިންޑިއާއަށް މިއަދު ފުރާވަޑައިގަތް ވަފުދުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ސިޔާސީ ޕާޓީތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ 15 މެންބަރުންގެ ވަފުދެއް އިންޑިއާއަށް ފުރާވަޑައިގެންނެވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކްސަބާއާއި ރައްޖޭގެ މަޖިލީހާއެކު ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއި ކުރުމަށެވެ. މި ވަފުދު އަނބުރާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގަ އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމުގައި މަޖިލީހުން ސޮއި ކުރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވަނީ 68 މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ.