ދީން

ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމަކީ ބިދްޢައެއް ނޫނެވެ.

Dec 8, 2019
13

އެޑިޓަރުގެ ނޯޓް: މިއީ އަވަސް އޮންލައިން ގައި ޝާއިއުކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ އެ މަނިކުފާނުގެ އަމިއްލަފުޅު އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއުކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ނުލަ އެވެ.

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ محمد صلّى اللّه عليه وسلّم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ، ބިދްޢައެއް ނޫނެވެ. ޙަރާމް ކަމެއްވެސް ނޫނެވެ. މަކްރޫހަ ކަމެއްވެސް ނޫނެވެ. ތެދުތެދަށް ދަންނަވަނީނަމަ، އެއީ މުސްލިމުން ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތް ދުވަހުގެ ޛިކްރާގައި، ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ، ޒަމާނުއްސުރެ އިސްލާމީ ޤައުމުތަކުގައި އުފާފާޅުކުރަމުން އަންނަ ދުވަހެކެވެ. އަދި ވަރަށް މަދު އިސްލާމީ ޤައުމެއްގައި މެނުވީ މިހާރުވެސް އެއީ ކުރަމުން އަންނަ ކަމެކެވެ. ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފަރާތުން އެތައް އަހަރަކު ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރައްވާފައިވެއެވެ. އެ މުނާސަބަތުގައި ރަސްމީ ޖަލްސާތައް ބާއްވަވައި، އަދި އެ ޖަލްސާތަކުގައި ޤައުމުގެ އެންމެ މަތީ ވެރިޔާ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިކަން މިހެން އޮތްނަމަވެސް، ފަހަކަށް އައިސް މި މަތިވެރި މުނާސަބަތުގައި ރަސްމީ ޖަލްސާއެއް ނުބާއްވަވައެވެ. އެއީ ކީއްވެގެންކަމެއް ރަސްމީ ފަރާތަކުން ވިދާޅުވެފައެއް ނެތެވެ. ހަމަގައިމުވެސް، އަޅުގަނޑު އެފަދަ ވާހަކައެއް އަހާފައެއް ނެތެވެ.

ބައެއް މީހުން ބުނާގޮތުގައި، ފަހަކަށް އައިސް ރާއްޖޭގައި އެ މުނާސަބަތު ރަސްމީ ގޮތުން ފާހަގަ ނުކުރަނީ، އެއީ ބިދްޢައަކަށް ވާތީއެވެ. މާނައަކީ، މާތް ނަބިއްޔާވެސް، އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންވެސް، އަދި ތާބިޢީ ބޭކަލުންވެސް އެކަން ކުރައްވާފައި ނުވާތީއެވެ.

ދީނީ ނަޒަރަކުން ބަލާއިރު، މިވާހަކައަކީ މާ ބުރަދަން ހުރި ވާހަކައެއް ނޫނެވެ. ދީނުގައި ކަން އޮތްގޮތް ބެލުމުގެ މިންގަނޑު ނުވަތަ އުޞޫލު ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. އެއީ ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުން އެކަމެއްގެ ޙުކުމް ދެނެގަނެވޭތޯ ބެލުމެވެ. ކީރިތި ޤުރްއާނުގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، ޙަރާމް ކަމެކެވެ. ޙަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެކެވެ. ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. [ أَلْأَصْلُ فِى الْأَشْيَاءِ الْإِبَاحَةُ مَالَـمْ يَرِدْ مَا يـُحَرِّمُه .] (ކޮންމެ ކަމަކީވެސް، އެއީ ޙަރާމް ކަމެއް ކަމުގެ ދަލީލެއް އައިސްފައި ނުވާހާ ހިނދަކު ހުއްދަ ކަމެކެވެ.)

މި މިންގަނޑުން ބަލާއިރު، ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ޙަރާމް ކަމެއްކަން ދޭހަކޮށްދޭ އެއްވެސް އާޔަތެއް ކީރިތި ޤުރްއާނަކު ނެތެވެ. އަދި އެކަން ދޭހަކޮށްދޭ މާތް ނަބިއްޔާގެ ބަސްފުޅެއްވެސް ނެތެވެ. އެހެންކަމުން އެއީ ޙަރާމް ކަމެއް ކަމުގައި ބުނާނެ ޝަރްޢީ ދަލީލެއް ނެތެވެ.

މިކަން މިހެން އޮތްއިރު ކައު އިތުރު މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތް ދުވަހުގެ ޛިކްރާ އާކުރުމަކީ ބިދްޢައަކަށްވަނީ ކޮން ސަބަބަކާހުރެތޯއެވެ؟ ބިދްޢައަކީ ޢަރަބި ލަފްޒެކެވެ. މާނައަކީ އަލަށް ކަމެއް ފެށްޓުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [ قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ .] (الأحقاف : 9) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކު ކަމުގައި، ތިމަން ކަލޭގެފާނު ނުވަމެވެ.] މި އާޔަތުގައި މާތް ﷲ ކީރިތި ރަސޫލާއަށް އަންގަވާފައި އެވަނީ، އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ކުރިން އެއްވެސް ރަސޫލު ބޭކަލަކު ނުފޮނުއްވާ، އަދި ރަސޫލު ކަމާއިގެން އެންމެ ފުރަތަމަ ފޮނުއްވި ރަސޫލާ ނޫން ކަމުގައެވެ.

اللّه سبحانه وتعالى އަށް ނިސްބަތް ކުރައްވައި، ކީރިތި ޤުރްއާނުގައި، އެކަލާނގެއީ [ بَدِيعُ السَّمَـٰوَٰتِ وَالْأَرْضِ ] ކަމުގައި ސިފަކުރައްވާފައިވެއެވެ. މާނައަކީ: [(އެކަލާނގެއީ) އިސްވެދިޔަ މިސާލަކާ ނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ.]

މިކަންކަމަށް ރިޢާޔަތް ކުރާއިރު، ދީނީ ގޮތުން ބިދްޢައަކީ، ދީނުގައި ކުރިން އައިސްފައި ނުވާ ކަމެއް އަލަށް އުފެއްދުންކަން އެނގެއެވެ. މިސާލަކަށް ފަރްޟު ފަސް ނަމާދުގެ ތެރެއަށް ފަރްޟު ނަމާދެއް އިތުރުކުރުންވާނީ، ބިދްޢައަކަށެވެ، އެހެންނަމަވެސް، ކުރިން ކުރެވިފައިނުވާ ކަމެއް، އެކަމުގައި އެކުލެވިގެންވާ ފައިދާއަކަށްޓަކައި، ދީނުގެ އުޞޫލުތަކާ ޚިލާފު ނުވާ ގޮތުގެމަތިން ކުރުމަކީ، ބިދްޢައެއް ނޫނެވެ. އެކަންވާނީ ހުއްދަ ކަމަކަށެވެ.

މިސާލަކަށް ކީރިތި ރަސޫލާ ފޮތެއްގެ ސިފައިގައި ޤުރްއާން ޖަމްޢު ކުރައްވާފައެއް ނުވެއެވެ. އެކަން އެންމެ ފުރަތަމަ ކުރެއްވީ، ފުރަތަމަ ޚަލީފާ أبوبكر الصّدّيق رضى اللّه عنه އެވެ. އޭގެފަހުން، ތިންވަނަ ޚަލީފާ عثمان بن عفّان رضى اللّه عنه އެވެ. އެހެންކަމުން، ކީރިތި ޤުރްއާން ފޮތެއްގެ ސިފައިގައި ލިޔެ، ޗާޕުކޮށް، ގެންގުޅުމަކީ ބިދްޢައެއް ކަމުގައި ބުނެވިދާނެތޯއެވެ؟ ނުބުނެވޭނެކަން ކަށަވަރެވެ.

ހަމަ މިމޭރުމުން ދަންނަވަނީނަމަ، ރީތިކޮށް މޮޅުކޮށް މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކުގައި އަޑުގަދަކުރާ ބަހައްޓައިގެން ބަންގި ގޮވުމާއި، ކީރިތި ޤުރްއާން ރެކޯޑް ކޮށްގެން ގެންގުޅުމާއި، ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ބޭއްވުމާއި، ދީނީ ޕްރޮގްރާމްތައް ރޭޑިޔޯއިން ނުވަތަ ޓެލެވިޜަން ޗެނަލްތަކުން ފޮނުވުމާއި، އިންޓަރނެޓްގެ ވެބްސައިޓްތަކުގައި ދީނީ މަޢުލޫމާތު ހިމެނޭ މަޒްމޫނުތައް ޝާއިޢު ކުރުމާއި، މިފަދަ ކަންކަމަކީ ކީރިތި މާތް ނަބިއްޔާގެ ޒަމާނުގައި ނުވަތަ އަޞްޙާބް ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ކޮށްފައިވާ އަދި ކުރެވެން ހުރި ކަންކަމަށް ނުވިޔަސް، މިއިން އެއްވެސް ކަމަކީ ބިދްޢައެކޭ ނުވަތަ ޙަރާމް ކަމެކޭ ބުނެވިދާނެތޯއެވެ؟ ނުބުނެވޭނެކަން ޔަޤީނެވެ.

މިދެންނެވި ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ބިދްޢަ ކަމުގައި ބަލަން ޖެހޭނީ، ޝަރްޢީ އުޞޫލުތަކާ ޚިލާފަށް އަލަށް އުފައްދާ ކަންކަމެވެ. އެކަމަކީ، ކުރިން ކުރެވިފައި ނުވާ ކަމަކަށްވިޔަސް، އެކަމަކީ، ޝަރްޢީ ޙުކުމްތަކާ ފުށުނާރާ ގޮތެއްގައި މުޖްތަމަޢަށް މަންފާ ކުރަނިވި ކަމެއް ކަމުގައި ވާނަމަ، އެކަމަކީ ބިދްޢައަކަށް ނުވާނެއެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމުގައި މިދަންނަވަނީ، އެކަމަށް ބާރުއަޅާ ދަލީލުތައް، ކީރިތި ޤުރްއާނުގަޔާއި މާތް ރަސޫލާގެ ސުންނަތުގައި އައިސްފައި ވާތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [ وَذَكِّرْهُمْ بِأَيَّـــٰمِ اللَّهِ .] (إبراهيم : 5) މާނައީ: [އަދި އެއުރެންނަށް ﷲ ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ!] މުރާދަކީ، ބޮޑެތި މުހިންމު ޙާދިސާތައް ހިނގާފައިވާ ދުވަސްތަކުގެ މަތިން ކަލޭގެފާނު މީސްތަކުންނަށް ހަނދާންކޮށް ދެއްވާށެވެ. ޝައްކެއްނެތް ގޮތުގައި، محمد صلّى اللّه عليه وسلّم ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ދުވަހަކީ، ވަރަށް ބޮޑު ވަރަށް މުހިންމު ދުވަހެކެވެ. ޙަޤީޤަތުގައި އެއަށްވުރެ ބޮޑު ނުވަތަ މުހިންމު ދުވަހެއް ނާންނާނެއެވެ. އެއީ، އެކަލޭގެފާނަކީ މުޅި ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި މާތް ސާހިބާ ކަމަށްވާތީއެވެ.

القلم ސޫރަތުގެ 4 ވަނަ އާޔަތުގައި، މާތް ﷲ، ކީރިތި ރަސޫލާއަށް މަދަޙައިގެ ބަސްފުޅު ވަޙީ ކުރައްވާފައިވެއެވެ. [ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މާތް ޙުލްޤު ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.] އަދި الأعراف ސޫރަތުގެ 157 ވަނަ އާޔަތުގައި، އިތުރު އެކަލޭގެފާނުގެ މަތިވެރި ރިސާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަލޭގެފާނުގެ ޢަމަލުފުޅުތައް ބަހައްޓަވާ މާތް ގޮތުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

[އެއުރެންނީ، އުންމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެ ރަސޫލާއީ، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލާއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރު ކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީ ކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.]

ލޮބުވެތި މާތް ނަބިއްޔާއަށް މަދަޙަ ދަންނަވައި ސަނާ ކިޔުމަކީ، އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއްކަން މިއާޔަތްތަކުން ކިތަންމެ ރަނގަޅަކަށްވެސް އެނގި ފާޅުވެގެންދެއެވެ.

ކީރިތި ރަސޫލާވެސް، އެކަލޭގެފާނުގެ އުފަން ދުވަހުގެ މަތިން ހަނދުމަފުޅު ބަހައްޓަވައި، އެދުވަހު ހެޔޮ ޢަމަލު ކުރައްވާކަން އެނގޭ ރިވާޔަތް އެބަހުއްޓެވެ. އެއްދުވަހަކު ޞަޙާބީ ބޭކަލަކު މާތް ނަބިއްޔާއާ ސުވާލު ކުރެއްވި ކަމަށްވެއެވެ. [ކަލޭގެފާނު ހޯމަދުވަހު ރޯދަފުޅު ހިއްޕަވަނީ ކީއްވެގެންތޯއެވެ؟] އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ ذَٰلِكَ يَوْمٌ وُلِدْتُّ فِيهِ.] (އެއީ، އެދުވަހެއްގައި ތިމަންކަލޭގެފާނު އުފަންވެވަޑައިގަތް ދުވަސް ކަމުގައި ވާތީއެވެ.)

އެކިއެކި ބޮޑެތި ހާދިސާތައް ހިނގާފައިވާ ދުވަސްތައް ފާހަގަ ކުރުމަކީ، ކީރިތި ރަސޫލާވެސް ކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު، މަދީނާގެ ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާތީ، އެއީ ކީއްވެގެންތޯ އެކަލޭގެފާނު އެއްސެވިއެވެ. އެބައިމީހުން ޖަވާބުގައި ދެންނެވީ، އެދުވަހަކީ ފިރްޢައުނުގެ އަނިޔާވެރިކަމުން މާތް ﷲ، موسى عليه السّلام އާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމަށް ވާތީއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުންނަށްވުރެ މޫސާގެފާނާ އައުލާކަން ބޮޑީ އަހަރެމެންނެވެ.] މިހެން ޙަދީޘް ކުރައްވައި، މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) ރޯދަހިފުމަށް މުސްލިމުންނަށް އެންގެވިއެވެ. ސުންނަތް ކަމެއްގެ ގޮތުގައެވެ.

ދީނީ އުޞޫލުތަކާ ޚިލާފު ނުވާގޮތުގެ މަތިން މުޖްތަމަޢުގެ ފައިދާއަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ ބޭނުންތެރި ކަމަކަށްވާތީ، އެކިއެކި މުނާސަބަތުތަކުގައި މީހުން އެއްތަނަކަށް އެއްވެ އުޅުންވާނީ، ހަމަ ރަނގަޅު ކަމަކަށެވެ. މިގޮތުން، މީހުން އެއްތަނަކަށް އެއްވެ، ކީރިތި ރަސޫލާގެ ވަސްމީރު ޛިކްރާ އާކޮށް، އެކަލޭގެފާނުގެ މާތް ސިފަފުޅުތަކާ ބެހޭގޮތުން ވާހަކަ ދައްކައި، އެކަލޭގެފާނަށް މަދަޙަ ދެންނެވުމާއި ސަނާ ކިޔުމަކީ، ހެޔޮކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. ރާއްޖޭގައި، މާލެއާއި އަތޮޅުތަކުގައި ވަރަށް ކުރިއްސުރެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހު، ނުވަތަ 12 ވަނަ ރޭ މީހުން އެއްތަނަކަށް އެއްވެ ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމާއި މަދަޙަ ދެންނެވުމުގައި ދެމިތިބެއެވެ. މިކަމުގެ ސަބަބުން މީހުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެ، މުޖްތަމަޢުގެ ހަމަޖެހުމާއި އެކުވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. މިފަދަ ރީތި ފައިދާހުރި އިޖްތިމާޢީ އާދަތައް ނެތިދިޔުމަކީ، މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ދޯހަޅިވެގެންދާނެ ކަމެކެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ބޭނުމަކީ، އެ މާތް ނަބިއްޔާގެ ޢަމަލުފުޅުތަކުންނާއި ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ، އެކަލޭގެފާނަށް ޙައްޤު ގޮތުގައި އިޤްތިދާއުވުމަށް މަގުދައްކައި، އެކަމަށް ބާރުއެޅުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

[ لَّقَدْ كَانَ لَكُمْ فِى رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُواْ اللَّهَ وَالْيَوْمَ الْأَخِرَ وَذَكَرَ اللَّهَ كَثِيرًا .] (الأحزاب : 21) މާނައީ: [ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ސަވާބަށްއެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.] އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަނެވޭނީ، އެކަލޭގެފާނުގެ ޙަޔާތްޕުޅާމެދު ވިސްނާ ފިކުރުކޮށް، އަދި އެ ޙަޔާތްޕުޅުން ލިބެންހުރި މަތިވެރި ޢިބްރަތްތަކާއި ފިލާވަޅުތައް މީސްތަކުންނަށް އަންގައިދީގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ.] (الذّاريات : 55) މާނައީ: [ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ.]

މި މައްސަލައާ ސީދާ ގުޅުމެއް އޮތްކަމެއް ކަމުގައި ނުވިޔަސް، ޤައުމީ އަދި ބައިނަލްއަޤްވާމީ ބައެއް ދުވަސްތައް ފާހަގަ ކުރުމަކީ ދީނީ ނަޒަރަކުން ބަލާއިރު ކޮންކަހަލަ ކަމަކަށް ވާނެތޯ، ބައެއް މީހުން ސުވާލު ކުރެއެވެ. ކުރިން ދެންނެވި ޝަރްޢީ ހަމަތަކަށް ބަލާއިރު، މިފަދަ ދުވަސްތައް ފާހަގަ ކުރުމަކީވެސް، ބިދްޢައަކަށް ނުވާނެއެވެ. މިހެން މިދެންނެވީ، އެއިން ކޮންމެ މުނާސަބަތެއް ފާހަގަ ކުރުމުގައިވެސް މުހިންމު ޤައުމީ ނުވަތަ އިޖްތިމާޢީ ނުވަތަ އިޤްތިޞާދީ ފައިދާތަކެއް އެކުލެވިގެން ވާތީއެވެ. ހަމައެހެންމެ، ޝަރްޢީ ހަމަތަކާ ޚިލާފު ނުވާގޮތުގެ މަތިން، މީސްމީހުންގެ އުފަންދުވަސް ފާހަގަ ކުރުމަކީވެސް، ބިދްޢައެއް ނޫނެވެ. ސަބަބަކީ، އެކަމުން މީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެތީއެވެ. ޚާއްޞަކޮށް، ކުޑަކުދިންގެ އުފަންދުވަސް ފާހަގަ ކުރުމަކީ، އެކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަކަށްވާތީއެވެ. އަދި ޢާއިލާގެ މެންބަރުންނާއި އެހެން މީހުން އެކުދިން ދެކެ ލޯބިވާކަން އެނގުމަކީ، އެކުދިންގެ ޝަޚްޞިއްޔަތު ހަރުދަނާ ވުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާނެ ކަމެއް ކަމަށް ވާތީއެވެ. އަދި އެކަމުގައި ޝަރްޢީ އުޞޫލުތަކާ ޚިލާފުވާ ކަމެއް ނެތީމައެވެ. ​