ދުނިޔެ

އިމްޕީޗްމަންޓު ހަނގުރާމަ ކާމިޔާބުކުރާނަން: ޓްރަމްޕު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި މައްސަލައިގައި، ޓްރަމްޕު މަގާމުން ދުރުކުރުމަށް އިދިކޮޅު ޑިމޮކްރޮޓްއިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވާނެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު ވިދާޅުވީ، ކޮންގްރެސްގެ ތިރި ގެއިން އެމަނިކުފާނު އިމްޕީޗުކުރުމަށް ކުރާ މަސައްކަތުގައި އެކަށީގެންވާ ހެކި ނެތްކަމަށާއި، އެކަމަކު އެމައްސަލައިން ބަރީއަތް ވުމަށް ބޭނުންވާ ވަރަށް ހެކި މިހާރު އެމަނިކުފާނުގެ ގާނޫނީ ޓީމުން ހޯދާފައިވާ ކަމަށެވެ.

"ލޯޔަރުން ތިބީ ފުރިހަމަ ރޭޑީއަށް ހެކި އެބަހުރި ބައިވަރު ހެކި އެބަހުރި، ރިޕަބްލިކަން ޕާޓީ އޮތީ މީގެ ކުރިން ނެތް ވަރުގެ ބަދަހި ގުޅުމެއްގައި، ދެން ކިހެނެތް އިދިކޮޅަށް އިމްޕީޗްމެންޓު ހަނގުރާމަ ކާމިޔާބު ކުރެވޭނީ" ޓްރަމްޕު ވިދާޅުވި އެވެ.

ކޮންގްރެސްގެ ޑިމޮކްރެޓިކް ސްޕީކާ މިހާރު ވަނީ ޓްރަމްޕުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބިނާކޮށް އިމްޕީޗްމަންޓް ލިޔުން ޑްރާފްޓްކުރަން އަންގަވައިފަ އެވެ. ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ސިމްޕަލް މެޖޯރިޓީން ފާސްވެއްޖެ ނަމަ ދެން އެ މައްސަލަ ދާނީ ސެނެޓަށެވެ.

އިދިކޮޅުން ޓްރަމްޕު މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތަށް ޓްރަމްޕު ވަނީ މީގެ ކުރިން ރައްދު ވެސް ދެއްވާފަ އެވެ. އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދި ވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.