އިނގިރޭސިވިލާތުގައި ފަށަން އުޅޭ އާންމު އިންތިހާބުގެ ވަގުތު ކުޑަތަންވެފައިވާ މި ދަނޑިވަޅިގައި، ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއާ އިދިކޮޅު ލޭބާ ޕާޓީގެ މެދުގައިވާ އާންމުންގެ ތާއީދުގެ ފަރަގު ކުޑަވަމުންދާތީ އެކަމާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.
ބޮރިސް މިހެން ވިދާޅުވީ، ސާވޭކުރާ ކުންފުންޏެއް ކަމަށްވާ ޔޫގޯވްއިން ކުރި ސާވާއެއްގައި، އިދިކޮޅު ލޭބާ ޕާޓީއަށްވުރެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ މަގްބޫލުކަން 15 ޕަސަންޓު މަތީގައި އުޅޭ ކަމަށް ދެއްކުމުންނެވެ. ނަމަވެސް ދެ ވަނަ ސާވޭގައި މި ޕަސަންޓު ވަނީ 12 އަށް ދަށްވެފަ އެވެ. އަދި ތިން ވަނަ ސާވޭގައި އަށް ޕަސަންޓަށް ވެއްޓިފަ އެވެ.
ފުރަތަމަ ސާވޭގެ ނަތީޖާ ދައްކާފައިވަނީ ހައުސް އޮފް ކޮމަންސްގައި ހިމެނޭ 650 ގޮނޑީގެ ތެރެއިން މަދުވެގެން 359 ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކުރާނެ ކަމުގަ އެވެ. މީގެ އެއް ހަފްތާކުރިން ކުރި ތިންވަނަ ސާވޭގައި ދެޕާޓީގެ ފަރަގު އަށް ޕޮއިންޓަށް ކުޑަވެފައިވާއިރު އެ ސާވޭގެ ނަތީޖާއަށް ބަލާއިރު ކޮންޒަވޭޓިވް ޕާޓީއަށް ލިބޭނެ ކަމަށް ބެލެވިފައިވަނީ ހައުސް އޮފް ކޮމަންސްގެ 650 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 339 ގޮނޑިއެވެ. ހައުސްގެ އެންމެ ކުޑަ އަޣްލަބިއްޔަތަކީ 326 އެވެ.
މިއާއެކު ބޮރިސް ވަނީ އާންމު ތަގުރީރުތަކުގައި ކަންބޮޑުވުންފާޅު ކުރައްވަން ފަށައިފަ އެވެ. މިިއިން ކޮންމެ ސާވޭއަކުން ވެސް ދައްކައިދެނީ ބޮރިސް ހަވާލުވެހުރި ކޮންޒަވޭޓިވް ޕާޓީ، އިދިކޮޅު ލޭބާ ޕާޓީގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށެވެ. ނަމަވެސް ފަހުގެ ސާވޭތަކުން ދައްކަނީ އިދިކޮޅު ލޭބާ ޕާޓީގެ މައްޗަށް ކޮންޒަވޭޓިވް އަށް ކުރި ހޯދޭނީ ކުޑަ އަގުލަބިއްޔަތަކުން ކަމަށެވެ. މި ނަތީޖާ ފުރޮޅި، ކޮންޒަވޭޓިވް ޕާޓީ އިންތިހާބުން ބަލިވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އާންމު އިންތިހާބުގެ ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް ބޮރިސް ކުރައްވަމުންގެންދަވާ މަސައްކަތް ދެމެހެއްޓެން އަންނަނީ އޭނާ ނިސްބަތްވާ ޕާޓީއަށް މެޖޯރިޓީ ލިބިގެންނެވެ.