ދުނިޔެ

ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު

ސްރިލަންކާގެ އިދިކޮޅު ލީޑަރުކަމަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ބަދަލުގައި، ސަޖިތް ޕްރެމަދާސް އައްޔަނުކުރަން ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޕާލަމެންޓަރޫ ގްރޫޕުން ނިންމައިފި އެވެ.

ޕީޖީ ގްރޫޕުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫއެންޕީގެ ލީޑަރު ރަނިލް އެވެ. ޕީޖީ ގްރޫޕުގެ ނިންމުމަށް އިހްތިރާމްކުރައްވާ ކަމަށް ރަނިލް ވެސް ވަނީ ވިދާޅުވެފަ އެވެ. ރަނިލް ރިޔާސަތު ނުބަލަހައްޓަވާ ގޮތަށް ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ހަމަޖެހިފައިވަނީ މިމަސް ނިމުމުގެ ކުރިންނެވެ.

ލަންކާގައި މިދިޔަ މަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމާ އެކު ސަޖިތު ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޔޫއެންޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވެސް ރަނިލް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރީ ސަޖިތަށެވެ.