އެންމެ ބޮޑު އަމާޒަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އިތުބާރު ހޯދާ، މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށް އައު ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުންދީ، އެ މަގާމަށް އޭނާ އައްޔަންކޮށް މަގާމުގެ ފަތްކޮޅު ދިނުމާއި ގުޅިގެން ޝުކުރު އަދާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ޝަމީމް ވިދާޅުވީ މަޖިލީހުން ބޮޑު އިތުބާރެއް ކުރައްވާ މަގާމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާއިރު އެންމެ ބޮޑު އަމާޒަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ. ޝަމީމަށް ރުހުން ދިނުމަށް ނިންމީ 78 މެންބަރުންގެ އަގްލަބިއްޔަތުންކަން ފާހަގަ ކުރައްވާ ޝަމީމް ވަނީ އެއީ ސީރިއަސް ނަންބަރެއްގެ ގޮތުގައި ދެކި، މަސައްކަތް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ޝަމީމް ވަނީ ސިޔާސީ މަގްސަދުގައި ދައުވާތައް އުފުލުން ހުއްޓުވާ، އޭނާގެ ޕީޖީ ކަމުގައި އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް އުސޫލުތަކުގެ ތެރެއިން އަމަލު ކުރުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވާސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ގެ ދާއިރާއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވާފައެވެ.
ޝަމީމަކީ ޕީޖީގެ އޮފީހުގައި އެންމެ ފުރަތަމަ ދުވަސްވަރު މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވި އެވެ. އަމިއްލަ ގޮތުން ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ގިނަ މައްސަލަތަކުގައި ޝަމީމް ވަނީ ވަކާލާތު ކުރައްވަައިފަ އެވެ.
މިދިޔަ ސަރުކާރުގައި ދައުވާތައް އުފުލުނު ސިޔާސީ ބައެއް ބޭފުލުންގެ ވަކީލެއްގެ ގޮތުގައި ވެސް އޭނާ އުޅުއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަަދި އެ ދުވަސްވަރު ތިން ފަހަރެއްގެ މަތިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.
ޝަމީމަށް ޕީޖީއަކަށް އައްުޔަން ކުރުމުން އޭނާ ވެގެން ގޮސްފައިވަނީ ޕީޖީގެ މަގާމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލު އަހުމަދު މުއިއްޒެވެ. ދެން އެ މަގާމު ފުރުއްވީ ގާޒީކަން ވެސް ކުރެއްވި މުހުތާޒު މުހުސިނެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.