މޯލްޑިވްސް ޕޮލިސް ސާވިސް

ގާސިމްގެ މަރު: ތަހުގީގު ކުރިއަށް، މީހަކު ހައްޔަރެއް ނުކުރޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާ އެ މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިިދިޔަ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.

ގާސިމްގެ މަރަށް ފަސް ދުވަސްވީއިރު މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ މައްސަލާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާސިމްގެ މަރާއި ގުޅިގެން ސީސީޓީވީ ފްޓޭޖްތައް ނަގާ އެނަލައިޒް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގާސިމްގެ ބައެއް ރަހްމަތެރިން ބުނީ އޭނާއަށް އެފަދަ އަނިޔާއެއް ދޭންޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ. އެކަމާ ގުޅޭގޮތުންވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ގާސިމްގެ މަރާއެކު ޓެކްސީ ޑްރައިވަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ގާސިމްގެ ގާތިލުން ހޯދިފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.